ދުނިޔޭގެ ވިޔަފާރި

ކޮކާކޯލާއަށް ލަފާކުރި ވަރަށްވުރެ ބޮޑު އާމްދަނީއެއް


އެމެރިކާގެ ކޮކާކޯލާ ކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

ކޮކާކޯލާ ކުންފުންޏަށް ލިބުނު އާމްދަނީގެ އިތުރުން، އެކުންފުންޏަށް ؛ލިބުނު ފައިދާވެސް ވަނީ ލަފާކުރި ވަރަށްވުރެ އިތުރުވެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮކާކޯލާގެ ފުރަތަމަ ކުއާޓަރުގެ އާމްދަނީ ގާތްގަނޑަކަށް %5 އަށް އިތުރުވެ، 10.98 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. އަދި މިއީ ކުރިން އެކުންފުންޏަށް ލިބޭނެކަމަށް ލަފާކުރި 10.80 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރު އަދަދެކެވެ،

ކުންފުނީގެ އާމްދަނީ އިތުރުވެ، ފައިދާވެފައި ވަނީ ކުންފުނިން އުފައްދާ ސޯޑާ ބުއިންތަކަށް އޮތް ޑިމާންޑު އިތުރުވުމުންނެވެ. ޝިޕިންގެ އަގު ބޮޑުވެ އުފެއްދުންތަކުގެ އަގު އުފުލުނު ނަމަވެސް ކޮކާކޯލާ ކުންފުނީގެ ޑިމާންޑަކަށް މާބޮޑު ބަދަލެއް ނާދެއެވެ.

ކުންފުނީގެ އުފެއްދުންތައް އެވްރެޖްކޮށް ވިއްކި އަގުތައް ފުރަތަމަ ކުއާޓަރުގައި %11 އަށް މަތިވެފައިވާއިރު، ޔުނިޓް ކޭސް ވޮލިއުމްތައް %3 އަށް އިތުރުވެފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ.

ކޮކާކޯލާއިން ފެބްރުއަރީމަހު ވަނީ އުފެއްދުންތަކުގެ އަގުތައް މިއަހަރު ބޮޑުކުރާނެކަމަށް ބުނެފައެވެ. އަދި އަގު ބޮޑުކުރަން ޖެހެނީ ކުރަންޖެހޭ ހޭދަ އިތުރުވެފައިވާތީކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ނަމަވެސް ވާދަވެރި ޕެޕްސިކޯއާ ހިލާފަށް ކޮކާކޯލާއިން އަގުތައް ބޮޑުކުރާނީ މަޑުމަޑުންކަމަށްވެސް ކުންފުނިން ބުނެއެވެ.

ކުއްލިއަކަށް އަގުތައް ބޮޑުކުރުމުގެ ސަބަބުން ޕެޕްސިކޯގެ ކުރިއެރުން ވަނީ މަޑުޖެހިފައެވެ. އަދި ޕެޕްސީކޯއާއެކު ދުނިޔޭގެ ކާބޮނޭޓެޑް ބުއިންތަކުގެ މާކެޓް ގާތްގަނޑަކަށް ކޮކާކޯލާއަށް އެކަނި ލިބުމަކީވެސް އަގުތައް ބޮޑުކުރަން އެ ކުންފުންޏަށް ލިބުނު ފުރުސަތެކެވެ.

އެމެރިކާގައި ކޮކާކޯލާގެ ސޯޑާގެ 192 އައުންސްގެ އެވްރެޖް އަގު 2021 ވަނަ އަހަރު 8.03 އެމެރިކާ ޑޮލަރަށް އަރާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.