ޚަބަރު

އޭދަފުށީ ފުޓްސަލް ކަޕް: ޓީމުތައް ސިއްސުވާލުމަށްފަހު ޒުވާން އޯލް ވޮލްސް ސެމީއަށް


ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ ނޯތު ވެސްޓް އޭދަފުށީ ފުޓްސަލް ކަޕް 2023 ގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.

ސެމީގެ ޖާގަ ކަށަވަރުކުރި ޓީމްތަކަކީ ބޮޑެތި ޓީމްތަކާ ވާދަކޮށް މޮޅު ކުޅުމެއް ދައްކަމުންއަންނަ ޒުވާން ޓީމް އޯލް ވޮލްސް އާ މުރިނގު އެފްސީ އާ ނަލަ ބްރަދާސް ގެ އިތުރުން އެފްރޯ ސްޕޯޓްސްއެވެ.

ނަލަ ބްރަދާސް ސެމީގެ ޖާގަ ކަށަވަރު ކުރީ ރޭ ކުޅުނު ފުރަތަމަ ކުއަޓަރ ފައިނަލުގައި އެއިޓީ ފޯ އާ ވާދަކޮށް 4-1 ންނެވެ. މި މެޗްގައި ދެޓީމުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތަކެއް ލިބިވަނީ ބޭކާރުކޮށްލާފައެވެ.

މެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ އެއިޓީ ފޯއިންނެވެ. އެޓީމަށް މި ލަނޑު ޖަހައިދިނީ މުހައްމަދު ޖަޒްލާން އެވެ. ދެވަނަ ހާފްގައި ކުޅެންނުކުމެ އެއިޓީފޯގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތްލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ އިރުކޮޅެއްފަހު އެޓީމްގެ އަޖުފާން އޭރިއާ ބޭރުން ފޮނުވާލި ބާރުހަމަލާ ގޯލުގެ ތެރެއަށް ވަދެގެން ނަލަބްރަދާސްއިން މެޗްގެ ލީޑްނެގިއެވެ. މެޗްގައި ފަރަގު ބޮޑުކުރި ލަނޑު ޖެހީ ސާމިން މުހައްމަދެވެ. ފަހު ލަނޑު ޖެހައިދިނީ މުހައްމަދު އަފްނާންއެވެ. ސެމީ ފަައިނަލުގައި ނަލަ ބްރަދާސް ވާދަކުރަންޖެހޭނީ ބޮޑެތި ޓީމުތަކާ ބައްދަލުކޮށް މޮޅުވަމުން އަންނަ ޒުވާންޓީމް އޯލްވޯލްސްއާއެވެ.

އޯލް ވޮލްސް ސެމީގެ ޖާގަ ކަށަވަރު ކުރީ އެފްސީ ސަޑަންލީއާ ބައްދަލު ކުރި މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ގިނަވަގުތު ބޯޅަގެންގުޅުނީ ސަޑަންލީ ޓީމުންނެވެ. ސަޑަންލީ ޓީމުގެ ފުރަތަމަ ލަނޑުޖެހީ މައްޝޫރު ފުޓްސަލް ކުޅުންތެރިޔާ ހުޒެއިފަތު ހުޒޭގެ ހުނަރު ބޭނުންކޮށްގެން އޭރިިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ އެޓީމްގެ އަލީ ޒުބައިރު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ވޯލްސްއިން ނަތީޖާ ހަމަކުރުމަށް ދެވަނަ ހާފްގައި މޮޅު ކުޅުމެއް ވަނީ ދައްކާފައެވެ. އެޓީމުން ގިނަ ހަމަލާތަކެއް އުފެއްދުމަމުން ގޮސް މެޗް ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް ނަތީޖާ ހަމަހަމަ ކުރީ އުމުރުން 17 އަހަރުގެ ޖައުސަން އަބްދުﷲ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަދެގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ވޯލްސް އިން މޮޅުވީ 6-5 ންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދާ މިމުބާރާތުގައި ސެމީގެ ޖާގައެއް މުރިނގު އެފްސީ އިން ހޯދީ ސީސީ ދަރެޑްސް އާ ބައްދަލު ކުރި މެޗް ފަސޭހަކަމާއެކު މޮޅުވެގެންނެވެ. މުރިނގު ޓީމް މި މެޗް ކާމިޔާބުކުރީ 3-0 ންނެވެ. މިމެޗްގެ ލަނޑުތައް ޖެހީ އިބްރާޙިމް ޝަރީފް (ލުއްޑަ) އާ މުހައްމަދު އިޝާމް އާ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ސާހީ މޫސާ (ހިތޭ)އެވެ. މިމެޗްގައި ސީސީ ދަރެޑްސް އަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ހިމެނޭ ސީސީ ސްޕޯޓްސް މިވަނީ މުބާރާތުން ކަޓަައިފައެވެ. ކުއަޓަރ ފައިނަލްގެ ފަހު މެޗްގައި އެފްރޯ ސްޕޯޓް އާ ބައްދަލުކޮށް ސީސީ ބަލިވީ މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ން އެއްވަރުމުން ޕެނަލްޓީ ޖަހައިގެންނެވެ. ސެމީގެ ފަހު ފަހުޖާގަ ހޯދުމަށް މިދެޓީމް ކުޅުނު މެޗްގައި މޮޅަށް ކުޅެ ގިނަވަގުތު ބޯޅަ ހިފަހައްޓާފައިވަނީ ސީސީ ޓީމުންނެވެ. ވަރުބަލިކަމެއް ނެތި ހަމަލާއަކަށްފަހު ހަމަލާއެއް ގޯލަށް އަމާޒު ކުރަމުންދިޔަ ސީސީ ޓީމުގެ ފުރަތަމަ ލަނޑުޖެހީ މެޗް ފެށިގެން ފުރަތަމަ ފަސްމިނެޓް ތެރޭގައެވެ. އެލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މި މެޗްގައި މޮޅު ކުޅުމެއް ދައްކި މުއާޒް އަލީއެވެ.

އޭގެ ތިން މިނެޓްފަހުން އަނެއްކާވެސް ސީސީ ޓީމުން ނަތިޖާ ފުޅާކުރިއެވެ. ސީސީއަށް މި ލަނޑު ޖަހައިދިނީ ރާއްޖޭގެ މައްޝޫރު ފުޓްސަލް ކުޅުންތެރިޔާ އަހުމަދު އައިހަމް އޭރިއާ ބޭރުން ފޮނުވާލި ބާރުހަމަލާ އެފްރޯކުޅުންތެރިއެއްގެ ފައިގައިޖެހިފައިގޮސް ގޯލުގެތެރެއަށް ވަދެގެންނެވެ. އެފްރޯއިން ނަތީޖާ އަނބުރާލުމަށް އެތައް އުކުޅެއް ބޭނުންކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މުހައްމަދު ފާސިރު ފާއްޓޭ އާ އައްޒާމްގެ ދެ ލަނޑުން މެޗްގެ ނަތީޖާހަމަހަމަ ކުރިއެވެ. މި ދެލަނޑު އެޓީމަށް ޖަހައިދިނީ އައްޒާމް އާ ފާސިރު އެވެ.

މެޗްގައި ފުރަތަމަ ފަހަރަށް އެފްރޯއިން ލީޑްނެގީ އިޝާން އިބްރާޙިމް ސައްޓު ދެވަނަހާފް ފެށިގެން 10 ވަނަ ސިކުންތުގައި ޖަހައިދިން ލަނޑުންނެވެ. ސީސީ އިން ހަމަލާތައް އިތުރުކޮށް ގިނަ ހަމަލާތަކެއް އެފްރޯގެ ގޯލަށް ވަނީ ފޮނުވާލާފައެވެ. އެހުރިހާ ހަމަލާއެއްގެ ހުރަހަކަށް ވީ އެޓީމްގެ ގޯލު ކީޕަރު އަބްދުﷲ ނާސިޙް ރާޖުއެވެ. ސީސީ އިން ނަތީޖާ ހަމަކޮށް ޕެންލްޓީއަށް ގެންގޮސްދިން ލަނޑު ޖަހައިދިނީ އައްޒާމް އަލީއެވެ.
ޕްނަލްޓީސޫޓް އައުޓްގައި އަބްދުﷲ ނާސިޙް ރާޖުވަނީ ސީސީ އިން ޖެހި ނުވަ ޕެނަލްޓީގެ ތެރެއިން ތިން ޕެލަންޓީ ދިފާއުކޮށްފައެވެ. ސީސީގެ ކީޕަރު އަހުމަދު އަފްޒަލް އަފޫއަށް ހިފެހެއްޓުނީ ދެ ޕެނަލްޓީއެވެ. މި މެޗުން އެފްރޯ ސްޕޯޓްސް މޮޅުވީ 9-8ންނެވެ.

މި މުބާޜާތުގެ ސެމީފައިނަލުގައި އެފްރޯ ވާދަކުރަންޖެހޭނީ މުރިނގު އެފްސީއާއެވެ. މިމެޗްތައް އޮންނާނީ މިރެއެވެ. މި މުބާރާތުގެ ފައިނަލް އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުއެވެ.