ޚަބަރު

ޖަލްސާއަށް ހުރަސް އެޅުއްވުމުން ޖާބިރުގެ ނަން އިއްވަވައި ތަޅުމުން ނެރުއްވައިފި


މަޖިލީހުގެ މިއަދު ބޭއްވެވި ޖަލްސާ ފެށުމަށް ހުރަސް އަޅުއްވައި، އަޑުގަދަ ކުރެއްވުމުން ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރުގެ ނަން އިއްވަވައި ތަޅުމުން ނެރުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އާ ސުވާލުކުރެއްވުމަށް އެޖެންޑާކުރައްވާފައެވެ. ޖަލްސާއަށް ވަޒީރު ވެސް ވަޑައިގެން އިންނަވަނިކޮށް މެންބަރު ޖާބިރު ވަނީ މަޖިލިސް ރައީސްގެ މޭޒުކޮޅު ކުރިމައްޗަށް ވަޑައިގެން އަޑުގަދަކުރައްވައި ޖަލްސާއަށް ހުރަސް އަޅުއްވައިފައެވެ.

މަޖިލިސް ރައީސް ވަނީ ޖާބިރު އަޑުގަދަކުރައްވައި ނުރުހުން ފާޅު ކުރައްވަމުން ގެންދެވުމުން މަޖިލީހުގެ ޤަވާޢިދަށް ޙޫރުމަތްތެރިކޮށް ހިތްތެވުމަށް، ތަކުރާރުކޮށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ. ނަމަވެސް ޖާބިރު ގެންދެވީ އަޑުގަދަކުރައްވައި ޖަލްސާ ފެށްޓެވުމަށް ހުރަސްއަޅުއްވަމުންނެވެ. އަޑުގަދަކުރައްވައި މަޖިލީހުގެ ޖަލްސާއަށް ހުރަސް އެޅުއްވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވަވައިފައެވެ.

މަޖިލީހުގެ ނަން އިއްވެވުމުން ޖާބިރު ތަޅުމުން ނެރުއްވުމަށް މަޖިލީހުގެ ސެކިއުރިޓީން ވެސް ތަޅުމަށް ވަނެވެ. ނަމަވެސް ޖާބިރު ވަނީ އަޑުގަދަ ކުރެއްވުމަށްފަހު އަމިއްލަފުޅަށް ތަޅުމުން ނިކުމެވަޑައިގެންފައެވެ. މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވީ ޖާބިރު ތަޅުމުން ނިކުމެވަޑައިގަތުމުންނެވެ.