ޚަބަރު

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި، ބުޗާގޭ ދޮންމަނިކު އަވަހާރަވެއްޖެ


ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ މ. އޯޝަން ރީޑު އާދަމް މޫސާ (ބުޗާގޭ ދޮންމަނިކު)
އަވަހާރަވެއްޖެއެވެ.

ދޮން މަނިކު އަވަހާރަވީ އާއިލާއާއެކު މީގެ އަހަރުތަކެއް ކުރިން ފެށިގެން ދިރިއުޅުއްވަމުން ގެންދެވި އޮސްޓްރޯލިއާގެ ބްރިސްބެންގައި ރޭ ފަތިހުއެވެ. ދޮންމަނިކު ވަނީ 1951 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ. އެންމެ ފުރަތަމަ ޚިދުމަތް ކުރެއްވީ ފިލްމު ސެންސަރު ބޯޑުގައެވެ.

ބުޗާގޭ ދޮންމަނިކަށް ވަނީ ދައުލަތަށް މެދުނުކެނޑި 40 އަހަރުދުވަހު ޚިދުމަތް ކުރުމުން ދެވަނަ ޕެންޝަންވެސް ލިބިވަޑައިގެންފައެވެ. ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އޭނާ ވަނީ ދައުލަތުގެ ގިނަ އިސް މަގާމްތަކެއް ފުރުއްވައިފައެވެ. އޭގެތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުވެރިކަންވެސް ހިމެނެއެވެ.

އަދާކުރެއްވި އެހެން ވަޒީފާތަކުގެ ތެރޭގައި މަޙުކަމަތުލް އަމަންއާންމުގެ ކާތިބުކަމާއި މަޤާމާއި، ވުޒާރަތުލް ދާޚިލިއްޔާ، ޕޯސްޓް އޮފީސް ފަދަ ތަންތަނުގެ ވަޒީފާތައް ހިމެނެއެވެ.

ދޮންމަނިކަކީ، ކުރީގެ ޔޫތު މިނިސްޓަރކަމާއި ހެލްތު މިނިސްޓަރުކަންވެސް ކުރައްވާފައިވާ އިރުތިޝާމް އާދަމްގެ ބައްޕާފުޅެވެ. ބައްޕާފުޅު ނިޔާވުމާ ގުޅިގެން އިރުތިޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ބައްޕާފުޅު ނިޔާވެފައިވަނީ ރޭގެ ދަންވަރު އޮސްޓްރޭލިއާގެ ބްރިޒްބަންގެ ގަޑިން ދަންވަރު 4:45 ގައި ކަމަށެވެ.

ބުޗާގޭ ދޮންމަނިކުގެ 3 ކައިވެންޏަކުން 22 ކުދިން ލިބިވަޑައިގެންފައިވެއެވެ. އަދި 24 ކާފަ ދަރިންނާއި 4 މުނިކާފަ ދަރިން ލިބިވަޑައިގެންފައިވެއެވެ. ދޮންމަނިކު ފާއިތުވި 8 އަހަރު ދިރިއުޅުއްވާފައިވަނީ އޮސްޓްރޭލިއާގައެވެ.