ކުޅިވަރު

ވުލްފްސްބާގާއި އާސެނަލުގެ ފުރަތަމަ ކުރިމަތިލުން އެއްވަރު


ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ވުލްފްސްބާގާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ވުލްފްސްބަރގްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓިމުންވަނީ ދެ ހާފް ކޮންޓްރޯލް ކޮށްފައެވެ. މިގޮތުން ފުރަތަމަ ހާފްގައި ވުލްފްސްބަރގްއިން ރަނގަޅަށް ކުޅުނު އިރު ދެވަނަ ހާފްގައި ފެނިގެންދިޔައީ އާސެނަލްއިން އެޓީމްގެ ކުޅުން ރަނގަޅުކުރި ތަނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާ މިމެޗްގެ ލީޑު ނެގީ ވުލްފްސްބަރގްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެވާ ޕަޖޯއެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހާފައިވާ ޕަޖޯ ކާމިޔާބުކުރި އަށްވަނަ ލަނޑެވެ.

އަދި އޭގެ ފަސް މިނެޓްފަހުން ވުލްފްސްބަރގްއިން ވަނީ ސްވެއިންޑިސް ޖޭން ޖޮންސްޑޮޓިއަރ ޖަހާދިން ލަނޑާއެކު އެޓީމްގެ ލީޑް ފުޅާކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހު މިނެޓްގައި އާސެނަލްގެ ޑިފެންޑަރ ރަފައެލް ސޮއުޒާ ވަނީ ލަނޑެއް ޖަހާ ދެޓީމްގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. މިމެޗްގައި އާސެނަލްގެ ދެވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހާދީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ސްޓިނާ ބްލެކްސްޓޭނިއަސްއެވެ. މިމެޗްގައި އާސެނަލްގެ މުހިންމު ދެކުޅުންތެރިން ކަމަށްވާ ކިމް ލިޓްލް އާއި ލެއާ ވިލިއަމްސަންއަށް އަނިޔާގެ ސަބަބުން ނުކުޅެވުމުން އެތަން ވަރަށް ބޮޑަށް ދެއްކިއެވެ.

މިމެޗް އެއްވަރު ވުމުން މިއަންނަ މަހުގެ އެއްވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގަށް ނިކުންނައިރު ފައިނަލަށް ދިއުމުގެ ފުރުސަތު ދެޓީމަށްވެސް އަދި އެބައޮތެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އާސެނަލްގެ ދަނޑުގައި ކަމުން އާސެނަލްއަށް އޮތް ފުރުސަތު ބޮޑުވި ނަމަވެސް ފުރަތަމަ ލެގްގައި ދެޓީމްގެ ދެމެދުގައި މާބޮޑު ތަފާތު ތަކެއް ފެނިފައެއް ނުވެއެވެ.