ޚަބަރު

ކުނި އެޅުމަށް ޚާއްޞަ ކޮތަޅު ވެމްކޯއިން ވިއްކަނީ


ކުނި އެޅުމަށް ޚާއްޞަ ކޮތަޅު" ބިންލައިނަރ" އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިއްކުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ނިންމައިފިއެވެ.

ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ފީ ގެ ގޮތުގައި 2 ރުފިޔާ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ނަގާގޮތަށް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްޞަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ" އިން ފީ ނަގަން ނުޖެހޭގޮތަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުނިއަޅާ ބަންދުކުރުމަށް ބޭނުންކުރާނެ ކޮތަޅު ލިބޭނެ އިންތިޒާމު ވެމްކޯއިން ވަނީ ހަމަޖައްސާފައެވެ. ވެމްކޯއިން ބުނީ ކުނި އެޅުމަށް ޚާއްޞަކޮށްގެން ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ވިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. ( އެއީ 11*17، 18*27، 36*48 އިންޗީގެ ކޮތަޅެވެ.) މިގޮތުގެ މަތިން ކުނި އުކާލުމުގައި، ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން ވަނީ އަންގާފައެވެ.

ވެމްކޯއިން ބުނީ އެ ކޮތަޅުތައް މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސް ތަކުން ލިބެން ހުންނާނެކަމަށެވެ. އަދި ވެމްކޯއިން ތަޢާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް އެކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކޮތަޅު ވިއްކާ އަގުތައް މިހަފްތާތެރޭ އާއްމުކުރާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުން އެންމެ ބޮޑަށް އާއްމުންގެ ތެރެއިން އިވެން ފެށީ ކޮތަޅު ބޮނޑީގެ އަގު އެތައް ގުނައެއް އުފުލުމުގެ ޝަކުވާއެވެ. ކޮތަޅުން ފީ ނަގަން ފެށުމުން 25 ރުފިޔާއަށް ގަންނަން ލިބޭ 100 ކޮތަޅުގެ ބޮނޑިއެއްގެ އަގުވަނީ 225 ރުފިޔާއަށް ބޮޑުވެފައެވެ. ކޮތަޅު ބޮނޑީގެ އަގު އެހާބޮޑަށް އުފުލުނީ ޤާނޫނު އޮތްގޮތުން ކޮތަޅު ބޮނޑީގެ އަގުގެ އިތުރުން އޭގައި ހިމެނޭ ކޮންމެ ކޮތަޅަކަށް ވަކިން 2 ރުފިޔާގެ ފީއެއް ދައްކަންޖެހޭތީއެވެ.

ނަމަވެސް ސަރުކާރުން ކުނި މެނޭޖްކުރުމުގެ ޤާނޫނު އެކުލަވާލެއްވުމަށް މަޖިލީހަށް ބިލު ފޮނުއްވީ ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭނުންކުރާ ވަކި ވަކި ޕްލާސްޓިކް ކޮތަޅުތަކުން ފީ ނެގުމަށެވެ. 50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ކޮތަޅު ބޮނޑިން މި ފީ ނެގުން އިސްތިސްނާކުރަން ސަރުކާރުން އޮތީ މާއްދާއެއް ހުށަހަޅުއްވާފައެވެ. އަދި ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙު ފާސްކުރެއްވުމުން، ޕްލާސްޓިކް ކޮތަޅު ބޮނޑީގެ އަގު ބޮޑުވެގެން އުޅޭ މައްސަލަ ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.