އިތުރު ގިނަ ފީޗަރތަކާއެކު އީފާސް އެޕްލިކޭޝަންގެ އާ ވަރޝަން، ޖޫން މަހުގެ ތެރޭގައި ޢާންމުކޮށް ބޭނުންކުރަން ހުޅުއްވައިލައްވާނެކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީން ވިދާޅުވެއްޖެއެވެ.
އީފާސް ނިޒާމަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ދެއްވާ ޚިދުމަތްތައް ދެއްވުމުގައި، ބޭނުންކުރައްވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެވެ. އަލަށް ފަށްޓަވާ ޚިދުމަތްތަކަށް އީފާސް އެޕްލިކޭޝަން އަޕްގްރޭޑްކުރުމުގެ މަސައްކަތް އެންސީއައިޓީިން ގެންދަވަނީ ކުރައްވަމުންނެވެ.
އީފާސް އަޕްގްރޭޑްކުރެއްވުމުގެ މަސައްކަތަކީ، މީހާގެ ޒާތީ މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށް ގެންނަވާ ބަދަލުތަކެކެވެ. އީފާސް ނިޒާމުގެތެރެއިން އެންމެ ބޮޑު ޚިދުމަތެއްގެ ގޮތުގައި ސަރުކާރުން ފެށްޓެވުމަށް ތައްޔާރުވެވަޑައިގަންނަވަނީ ޑިޖިޓަލް އައިޑެންޓިޓީ ކާޑުގެ ޚިދުމަތް ފެށްޓެވުމަށެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މުޙައްމަދު ޝަރީފް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ މެއި ނުވަތަ ޖޫންމަހު ތާނގައި ޑިޖިޓަލް އައިޑީ ކާޑް ރަސްމީކޮށް އިފްތިތާޙުކުރެއްވުމަށް ކަމަށެވެ. އަދި އީފާސް އެޕްލިކޭޝަނަށް ގެންނަވާ ބަދަލުތަކަކީވެސް، މި ޚިދުމަތަށް ފުރިހަމައަށް ތައްޔާރުވެވަޑައިގަތުމަށް ގެންނަވާ މުހިންމު ބަދަލުތަކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ އީފާސްގެ އާ ވަރޝަންގެ މައިގަނޑު ބަދަލަކީ މަޢުލޫމާތު ޙިއްޞާކުރެއްވުމުގައި ރުހުން ދިނުމާގުޅޭ ފީޗަރތައް ސާފުކޮށް އެޕްލިކޭޝަންގައި ހިމެނުއްވުން ކަމަށެވެ. އައު ފީޗަރތަކާއެކު ޕާސްވޯޑް އަދި އޯ.ޓީ.ޕީ އާ ނުލައި، ފަސޭހައިން ރައްކާތެރިކަމާއެކު އީފާސްއަށް ލޮގިންކޮށް ޚިދުމަތް ހޯދޭނެއެވެ. އަދި ޑިޖިޓަލް އައިޑީ ދެއްކުމާއި، އެކި ބޭނުންތަކަށް ކާޑު ޙިއްޞާކުރުމުގައި ރައްކާތެރިކަމާގުޅޭ ފީޗަރތައް ހިމެނެއެވެ.
ޝަރީފް ވިދާޅުވީ އީފާސްގެ އައު ވަރޝަން ޢާންމުކޮށް ދޫކޮށްލެއްވުމުގެ ކުރިން ތަޖުރިބާކުރުމުގެ މަރުޙަލާތައް ކުރިއަށްގެންދަވާނެ ކަމަށެވެ. އެގޮތުން އައު ވަރޝަން ތަޖުރިބާކުރަމުންދާ 700 މީހުންނަށް، އެޕްލިކޭޝަންގެ އައު ފީޗަރތައް ޓެސްޓުކުރުމުގެ ފުރުޞަތު މިމަހު ހުޅުވާލާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި އިތުރު މީހުންނަށް އަންނަމަހު، މި ފުރުޞަތު ހުޅުވާލާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެޕްލިކެޝަންގެ އެންމެ ބޮޑު ބަދަލަކީ ލިބޭނެ ރައްކާތެރިކަން. ޑިޖިޓަލް އައިޑީ ލޯންޗްކުރާއިރު، ކާޑުގެ މަޢުލޫމާތު ޙިއްޞާކުރުމަށް ހުއްދަ ދިނުންފަދަ ފީޗަރތައް ހުންނާނެ. ޖޫން މަހު އެޕްލިކޭޝަންގެ އާ ވަރޝަން ނެރެވޭނެ."
މިހާތަނަށް އައިއިރު އީފާސްއަށް 137 ހާހަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި 440 އަށްވުރެ ގިނަ ޚިދުމަތް މި ޕޯޓަލްގެ ތެރެއިން ދެއްވައެވެ.