ޚަބަރު

އިންތިޚާބަކާ ނުލައި 3 ރަށެއްގެ ޑަބްލިއުޑީސީއަށް މެންބަރުން ހޮވިއްޖެ


ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވޯޓަކައި ނުލައި މެންބަރުން ހޮވިއްޖެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވަވާ ގޮތަށް ޤާނޫނަށް ގެނައި އިޞްލާޙާއެކު، މިއަހަރު ޖޫންމަހު ބޭއްވެވުމަށް ތަޢާވަލުކުރި އިންތިޚާބުތަކުގެ ތެރެއިން ވޯޓަކައި ނުލައިން މެންބަރުން ހޮވުނީ، ށ.މާއުނގޫދޫ، ރ.މީދޫ، އަދި ގދ.ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ.

ޤާނޫނުގައި ކުރިން އޮތްގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު އިސްތިޢުފާ ދެއްވައިފިނަމަ، 60 ދުވަހުގެ ތެރޭގައި އިންތިޚާބު އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކުރެއެވެ. ނަމަވެސް ޤާނޫނަށް ފަހުން ގެންނަވައިފައިވާ ބަދަލާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޯރަމް ހަމަނުވާ ޢަދަދަށް ކޮމެޓީގެ މެމްބަރުން މަދުނަމަ، ޤާނޫނުގައި އޮންނަ ގޮތުގެ މަތީން އިންތިޚާބު ބާއްވަންޖެހެއެވެ.

މި އިޞްލާޙާއެކު މިއަހަރު ބާއްވަވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަންސްތައް ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ތަޢާވަލުކުރެއްވީ ޖޫން މަހުގެ 17 ވަނަ ދުވަހަށެވެ. އެދުވަހު 10 ރަށެއްގެ ބައި އިލެކްޝަންސް ބޭއްވެވުމަށް އިލެކްޝަނުން ތާވަލުކުރެއްވުމަށްފަހު، ކުރިމަތިލުމަށް ހުޅުއްވައިލެއްވި މުއްދަތު ހަމަވިއިރު ފ.ބިލެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ މެންބަރުކަމަށް ފިޔަވައި، ހުރިހާ ރަށެއްގެ އަންހެނުންގެ ކޮމެޓީތަކަށް ކުރިމަތިލާފައިވެއެވެ.

އޭގެ ތެރެއިން ށ.މާއުނގޫދޫ، ރ.މީދޫ، އަދި ގދ.ވާދޫ އަންހެނުންގެ ކޮމެޓީއަށް ކުރިމަތިލާފައިވަނީ އެންމެ ކެނޑިޑޭޓަކު ކަމަށްވުމުން، ވޯޓަކައި ނުލައި ވަނީ އެ ކޮމިޓީތަކަށް މެންބަރުން ހޮވިފައެވެ.

ވޯޓަކާ ނުލައި ހޮވުނު މެމްބަރުން:

* ލިއުޝާ އިބްރާހީމް ކަސޯނާ، ގދ.ވާދޫ - އަމިއްލަގޮތުން
* ވަސީމާ އިބްރާހީމް ފޭރުމާގެ، ރ.މީދޫ - ޕީޕީއެމް
* އާޢިޝަތު ޙަނީފާ ގަހާ، ށ.މާއުނގޫދޫ - ޕީޕީއެމް

ޖޫން 17 ވަނަ ދުވަހު ބައި-އިލެކްޝަންތައް އޮންނަ ރަށްތައް:

* ތ.ގާދިއްފުށީ
* ގދ.ހޯޑެއްދޫ
* ގއ.މާމެންދޫ
* ކ.ދިއްފުށި
* މ.ވޭވަށު
* ހދ.ފިނޭ

އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިޚާބުތައް ކަވަރުކުރުމަށް ބޭނުންވާ މޮނިޓަރުންނަށާއި، އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުއްވައިލައްވައިފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަވަސްއަވަހަށް ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މެންބަރުން އިންތިޚާބުވިފަހުން ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކުރައްވާފައިވެއެވެ.