ޚަބަރު

ރައްޔިތުންގެ އުއްމީދުތައް ޙާޞިލުވާނޭ ގޮތަށް ކަންކަން ދަނީ ފަހިކޮށްދެއްވަމުން: ޝާހިދު


ސަރުކާރުން ކުރައްވާ ހުރިހާ މަސައްކަތަކީ ވެސް ރައްޔިތުން އެދޭ އުއްމީދުތައް ޙާޞިލްކުރެވޭނެ މަގުން، ކަންތައްތައް ފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތަކެއްކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް، "މޯލްޑިވްސް އޯޕަން" ހުޅުވުމުގެ ރަސްމިއްޔާތު، ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ސަރުކާރުން ރާއްޖޭގެ ކުޅިވަރަށާއި، ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

ޚާރިޖީ މަސައްކަތްތަކާ ގުޅޭގޮތުން ޢަބްދުﷲ ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙްއްމަދު ޞާލިޙުގެ ޚާރިޖީ ސިޔާސަތަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުން ބަލައިގެންފައިވާ ހަރުދަނާ ސިޔާސަތެއް ކަމަށެވެ. މިދިޔަ ހަތަރު އަހަރުގެތެރޭގައި ރާއްޖެ އާއި ދުނިޔެއާ، އޮތް ގުޅުން ހުރިހާ ގޮތަކުންވެސް އިތުރަށް ބަދަހިވެ، އެހެން ޤައުމުތަކުން ރާއްޖެއަށް ކުރާ އިޙްތިރާމް އިތުރުވެއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިދިޔަ 4 އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުން ރާއްޖޭގެ ކުޅިވަރާއި ވިޔަފާރި އާއި ތަޢުލީމް އަދި ޞިއްޙީ ދާއިރާއަށް ބޮޑު އެހީތެރިކަމެއް ދީފައިވާކަމަށެެވެ. އެގޮތުން ކުޅިވަރަށް ބަލާލާއިރުވެސް، ރާއްޖޭގައި މީގެކުރިން ނުބާއްވާ ވަރަށް ބައިނަލްއަޤުވާމީ މުބާރާތްތައް ބާއްވާ، ކުޅުންތެރިންނަށް ދުނިޔޭގެ އެކި ޤައުމުތަކުން ތަމްރީނުވުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވިސްނުންފުޅުގައި މިއޮތީ ރާއްޖޭގައި ދުޅަހެޔޮ ހަށިހެޔޮ ޖީލެއް ބިނާކުރުން. އެއް ކުޅިވަރެއް ދެ ކުޅިވަރެއް ނޫން. ކުޅޭ ހުރިހާ ކުޅިވަރެއްގައި ތަފާތު ކުރުމެއް ނެތި ވަޞީލަތްތައް ފުރިހަމަ ކޮށްދިނުން. އެތަން މި ފެނިގެން މިދަނީ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޢަބްދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުން ކޮންމެ މަސައްކަތެއްވެސް ކުރައްވަނީ އަމާޒެއް ކަނޑައަޅުއްވައިގެން، އެކަންކަން ޙާޞިލް ކުރެއްވުމުގައި ޢަޒުމުގައި ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުން ވެވަޑައިގެންނަވާ ކޮންމެ ވަޢުދަކީވެސް، ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަމާއި އިތުބާރު އޮވެގެން ވެވަޑައިގެންނަވާ ވައުދުތަކެއްކަން، ވައުދުތައް ފުއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުން ހާމަވާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"މި ސަރުކާރުން ކުރާ މަސައްކަތް ކުރަމުންދަނީ ހިސާބު ކިތާބު ޖަހައި، ކުރެހުންތައް ކުރަހައި އުންމީދުތައް ޙާޞިލްކުރެވޭނެ މަގަށް ކަންތައްތައް ފަހިކޮށްގެން. މިއަދުގެ ސަރުކާރަކީ ވަޢުދުވާން ކެރޭ، އަދި ވަޢުދު ފުއްދާ ސަރުކާރެއް." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގެ ސިޔާސަތަކީ ކުޅިވަރުގެ ތެރޭގައި ކުރިން އޮތް ތަފާތުކުރުންތައް ނައްތާލައްވައި، ހަމަހަމަކަމާއެކު ކުޅިވަރުތައް ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމެވެ. އަދި އެ ސިޔާސަތުތަކުގެ ދަށުން ކާމިޔާބު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާ ކަމަށް ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްތަކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.