ޚަބަރު

ސިފައިންގެ އަހަރީ ދުވަހުގެ ޙަރަކާތްތަކަށް ކުޑަކުދިންގެ ބޮޑު ތަރުޙީބެއް


ދިވެހި ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ސިފައިންގެ ފަރާތުން ގިނަ ޙަރަކާތްތަކެއް ހިންގަވައެވެ. ސިފައިންގެ ލަޝްކަރުގެ ބަދަހިކަމާއި، ހެވިކަމުގެ އުކުޅުތަކާއި، ސިފައިންގެ ޚާއްޞަ ޕެރޭޑަކީ އެ ޙަރަކާތްތަކަކަށް ޢާއްމުންގެ ސަމާލުކަން ހުއްޓޭ އަދި ކުޑަކުދިންގެ މެދުގައިވެސް މަޤުބޫލު ޙަރަކާތްތަކެކެވެ. އެގޮތުން ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 131 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި މިއަހަރުވެސް ވަނީ ގިނަ ޙަރަކާތްތަކެއް ހިންގަވައިފައެވެ.

ދުވަހުގެ ފެށުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވަވައިފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތު ނިމިގެންދިޔައީ ޚާއްޞަ ދުޢާއަކާއި ސިފައިންގެ ލަވައިންނެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ މިއަހަރުގެ ސިފައިންގެ ދުވަހުގެ ޝިޢާރު، "ސިފައިންގެ ބަދަހިކަން - ޤައުމުގެ ހަމަޖެހުން" ޢިއުލާންކުރައްވައިފައެވެ. މި މުނާސަބަތުގައިސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވެވިއެވެ.

ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ސިފައިން ވަނީ ހެވިކަމުގެ އުކުޅުތަކާއި، ސިފައިންގެ ބޭންޑާއެކު ގެމަތަކުން ޝަރަފުގެ ހިނގާލުމެއް ބާއްވަވައިފައެވެ. މި ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ވަނީ ގެންދެވިއެވެ.

ޝާރަފުގެ ހިނގާލުމަށް ވަނީ ބޮޑު ތަރުޙީބެއް ލިބިފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ އިސްވެރިން ވެސް މިޙަރަކާތްތައް ބައްލަވައިލެއްވިއެވެ.

ކާރނަލް އިބްރާހީމް ރަޝީދު ކޮމާންޑަރަކަށް ހުންނެވި މިޝަރަފުގެ ހިނގާލުމުގައި އެމްއެންޑީއެފް ބްރާސް ބޭންޑާއެކު ޖުމްލަ 8 ގެމަ ބައިވެރިވިއެވެ. މީގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑް، އެމްއެންޑީއެފް މެރިން ކޯރ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް، ޑިފެންސް އިންޓެލިޖެންސް ސާރވިސް، ސާރވިސް ކޯރ، އެޖުޓަންޓް ޖެނެރަލްސް ކޯރ އަދި މެޑިކަލް ކޯރ، ސްޕެޝަލް ފޯސަސް އަދި ސްޕެޝަލް އޮޕަރޭޝަން ގްރޫޕް ގެ ސިފައިން ހިމެނެއެވެ. މި ގެމަތަށް ބައިވެރިވެފައިވަނީ އެބަޔަކަށް ޚާއްޞަ ކުރެވިފައިވާ ޔުނިފޯރމުގައެވެ.

މީގެ އިތުރުން ސިފައިންގޭގައި މިހާރު ބޭނުންކުރާ ބައެއް އުޅަނދުތަކުގެ ތެރެއިން ފަޔަރ ވެހިކަލްތަކާއި ސްޕެޝަލް ފޯރސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައްވެސް މި ޝަރަފުގެ ހިނގާލުމުގައި ވަނީ ދައްކާލާފައެވެ.

ރާއްޖޭގައި އެކި މުނާސަބަތުތަކާ ގުޅިގެން ބާއްވަވާ ހަވާއެރުވުމަކީ އެކަމަކަށް ގިނަ ބަޔަކު އިންތިޒާރުކުރާ އެންމެންގެ ޝައުގާއިވެސް ގުޅިފައިވާކަމެކެވެ. ކޮންމެ ފަރާތަކުން ކަމުގައިވީނަމަވެސް ހަވާ އެރުވުމުގެ ކަންކަން ކޮށްދެނީ ދިވެހި އަސްކަރިއްޔާއިންނެވެ.

ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ސިފައިންގެ ފަރާތުން ޢާއްމުންނަށް ގެނެސްދެއްވި އެންމެ އުފާވެރި އެއް ވަގުތުކޮޅަކީ ރޭގަނޑުގެ ވަގުތު ސިފައިންގެ ބޭންޑުގެ ހުށައެޅުންތަކާއެކު ގެނެސްދިން ހަވާއެރުވުމުގެ އުފާވެރި ވަގުތުކޮޅެވެ.

ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޢާއިލާތަކުންވެސް މިވަގުތުކޮޅު ހޭދަކޮށްލުމަށް ވަނީ ޖުމްހޫރީ މައިދާން ސަރަޙައްދަށް ޖަމާވެފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އިތުރުން ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފަށައިފައިވަނީ 1892 އޭޕްރީލް 21 ވަނަ ދުވަހުއެވެ. އަދި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް އޭޕްރީލްމަހުގެ 21 ވަނަ ދުވަހެވެ.

ޢީދުގެ އުފަލާއެކު ސިފައިންގެ އަހަރީ ދުވަސް އެއްދުވަހަކަށް ވެގެންދިޔުމުން ކުޑަކުދިންނަށް ލިބިގެންދިޔަ އުފާވަނީ ދެގުނަ އިތުރުވެފައެވެ.