ޚަބަރު

މިއީ ޑިކޮމްރަސީގެ ޙަޔާތުގައި ޤައުމު ދުށް އެންމެ އަމާން ދައުރު: މާރިޔާ


ޑިމޮކްރަސީގެ މަގަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރި ފަހުން، މިހިނގާ ވެރިކަމުގެ ދައުރަކީ ރާއްޖޭގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން އެންމެބޮޑަށް ޤާއިމްވެފައި އޮތް ދައުރުކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ދެއްވި ޚިތާބުގައެވެ.

ސަލާމަތީ ބާރެއްގޮތުގައި ރަސްމީކޮށް ދިވެހި ސިފައިންގެ ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ދުވަހުއެވެ. މިއަދަކީ ދިވެހިރާއްޖޭގެ ސިފައިންގެ ޚިދުމަތަށް 131 އަހަރު ފުރޭ ދުވަހެވެ.

މިއަދުގެ މުނާސަބަތުގައި ޑިފެންސް މިނިސްޓަރ ދެއްވި ޚިތާބުގައި ވިދާޅުވީ 2008 ވަނަ އަހަރު މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމެއް ތަޢާރަފްކޮށް، ޑިމޮކްރެސީގެ މަގަށް ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރިފަހުން، ފާއިތުވެދިޔަ 4 އަހަރާ 5 މަހަށްވުރެ، ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ޤާއިމްވެފައި އޮތް ދުވަސްތަކެއް ދިވެހިން ދެކެފައި ނުވާކަމަށެވެ.

"މި ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ޙާޞިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ އަޅުގަނޑުމެން މިދެކޭ ހަމަޖެހުމާއި އަމާންކަން. ގިނަ ގޮންޖެހުންތަކާއެކު ވެސް، ތަރައްޤީގެ ދުވެލީގައި، އަސްކަރީ ދާއިރާވެސް ހިމެނިގެން، ދިވެހިރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސިފައިންގެ ޝަރަފުގެ ހިނގާލުމާއި، އަސްކަރިއްޔާއިން ހިންގަވާ އެކިއެކި ޕްރޮގްރާމްތައް ރާއްޖޭގެ ކުދި ބޮޑު އެކި ރަށްރަށަށް ފުޅާވެގެން މިއަދު ދާކަމީ ތަފާތުކުރުމެއް ނެތް ސިޔާސަތުގެ ތެރެއިން ގެންނަވަމުންދާ ބަދަލުތަކެއްކަމަށެވެ. މީގެ އިތުރުން، ސިފައިންގެ މަރުކަޒުތައް ރާއްޖޭގެ އިތުރު ސަރަޙައްދުތަކުގައި ޤާއިމްކުރެއްވުމަށް މަސައްކަތްކުރައްވަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެ އަހަރުވެސް ސިފައިންގެ ޝިޢާރެއް ކަނޑައަޅުއްވައެވެ. އެގޮތުން، މިއަހަރަށް ކަނޑައެޅުއްވި ސިފައިންގެ ޝިޢާރަކީ "ސިފައިންގެ ބަދަހިކަން – ޤައުމުގެ ހަމަޖެހުން". އެވެ. މި ޝިޢާރުން ހަނދާންކޮށްދެނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރެވޭނީ ސިފައިން ބަދަހި ލަޝްކަރެއްގެ ގޮތުގައި އޮވެގެންކަމެވެ.

ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ އާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތްކުރުމެވެ.

މިނިސްޓަރގެ ޚިތާބުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް އަދި ސިފައިންގެ ވެލްފެއަރއަށް ދެއްވާ އިސްކަމާއި، ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީ މިންގަނޑެއްގައި ދެމެހެއްޓުމަށް ދެއްވާ ލަފަފުޅާއި އިރުޝާދުތައް ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ.