ކުޅިވަރު

ޕަޓޯ މިރޭގެ މެޗުގައި ފެނިދާނެ - ހިޑިންކް


ޕްރިމިއަރ ލީގުގައި ނޯވިޗް ސިޓީއާއި ދެކޮޅަށް ކުޅޭ މެޗުގައި ފޯވާޑް ޕަޓޯ ފެނުމުގެ ފުރުސަތު އެބައޮތްކަމަށް ޗެލްސީގެ ކޯޗް ގުސް ހިޑިންކް ބުނެފިއެވެ. 

ނޫސްވެރިންނާއި ވާހަކަދައްކަމުން ހިޑިންކް ބުނީ އެޓީމްގެ އެއް ނަންބަރު ފޯވާޑް ޑިއޭގޯ ކޮސްޓާއަށް ރެސްޓް ދިނުމަށް ވިސްނަމުންދާކަމަށާއި، ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅާގައި ޕީއެސްޖީއާއި ދެކޮޅަށް ކުޅޭ މެޗަށް ކޮސްޓާ ތައްޔާރުކުރަން ބޭނުންވާކަމަށެވެ. އެހެންކަމުން މިރޭގެ މެޗުގައި ބާކީ ތިބި ފޯވާޑުންނަށް ފުރުސަތު ލިބޭނެކަމަށް އޭނާ ބުންޏެވެ. 

ހިޑިންކް ބުނީ މެޗުގެ ނުވަދިހަ މިނެޓް ހަމަކުރެވޭ ވަރަށް ޕަޓޯ އަދި ފިޓު ނުވާކަމަށާއި، އެހެން ނަމަވެސް ބެންޗުން ޕަޓޯ ފެނުން ގާތްކަމަށެވެ. 

"ޕަޓޯ އެއްކޮށް ފިޓެއް ނޫން، ބެންޗުން ފެނިދާނެ. ކޮސްޓާއަށް ރެސްޓް ދޭން ވިސްނާތީ އެހެން ފޯވާޑުންނަށް ފުރުސަތު މި ލިބެނީ، ހުރިހާ ފޯވާޑުންވެސް ވަރަށް މަސައްކަތް ކުރޭ ޓީމުން ޖާގައެއް ހޯދަން" ހިޑިންކް ބުުންޏެވެ.

މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ބްރެޒިލްގެ ކޮރިންތިއަންސްއިން ލޯން އެއްބަސްވުމެއްގެ ދަށުން ޕަޓޯ ޗެލްސީއަށް ބަދަލުވުމަށް ފަހު އެޓީމަށް އަދި އެއްވެސް މެޗެއް ކުޅެވޭވަރެއް ނުވެއެވެ. 

ހިޑިންކް ބުނީ ޕަޓޯގެ ފިޓްނަސް އޭރު ވަރަށް ދަށް ކަމަށާއި، މަޑު މަޑުން އޭނާ ފިޓްވަމުން އަންނަކަމަށެވެ. އަދި ދެ ތިން ހަފްތާގެ ތެރޭގައި އޭނާ މުޅިން ފިޓްވާނެކަމަށް ހިޑިންކް ބުންޏެވެ. 

ޕަޓޯގެ އިތުރުން ޓީމްގައި ހިމެނޭ އަނެއް ފޯވާޑް ރަޑަމަލް ފަލްކާއޯވެސް މިހާރު އަންނަނީ ތަމްރީންތަކުގައި ބައިވެރިވަމުންނެެވެ. އަދި ކެޕްޓަން ޖޯން ޓެރީވެސް އަންނަނީ ލުއި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އެހެންނަމަވެސް މި ދެ ކުޅުންތެރިންވެސް މިރޭގެ މެޗުގައި ނުފެންނާނެކަމަށް ހިޑިންކް ބުންޏެވެ.