ޚަބަރު

ޢީދަށް ފުރާއިރު މުދަލާއި ގޯތިގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވޭ


ޢީދު ބަންދަކީ ކޮންމެ އަހަރެއްގައިވެސް ގިނަބަޔަކު އަތޮޅުތެރެއަށް ދަތުރުކުރާ ދުވަސްވަރެކެވެ. އެހެންކަމުން މިދުވަސްވަރާއި ދިމާކޮށް ހިނގާ އެކިބާވަތުގެ ކުށްތަކާއި އަދި ހިނގާ ކަނޑުމަތީގެ އެކި ޙާދިސާތައް މަދުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ.

ޢީދު ބަންދާއި ދިމާކޮށް އަތޮޅު ތެރެއަށް ފުރައިގެންދިޔުމުގެ ކުރިން ރައްކާތެރިކަމަށްޓަކައި ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން ފުލުހުން ކޮންމެ ބަންދަކާއި ދިމާކޮށްވެސް ފާހަގަކުރައްވައެވެ. މިގޮތުން ފުރުމުގެ ކުރިން ގެދޮރުގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ޔަޤީންކުރުން މުހިއްމެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ކްރައިމް ޕްރިވެންޝަން ޔުނިޓުގެ ފަރާތުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ރަމްޒީ ވިދާޅުވީ، ފުރުމުގެ ކުރިން ގޭގައި ހުންނަ އަގުބޮޑެތި ތަކެތި ހުރީ ރައްކާތެރިގޮތުގައި ބަހައްޓާފައިކަން ކަށަވަރުކުރަންޖެހޭކަމަށެވެ. މިގޮތުން އަގޮބޮޑެތި ގަހަނާއާއި ފައިސާ ގޭގެ ވަކިތަނެއްގައި ބެހެއްޓުމުގެ ބަދަލުގައި ސޭފްއެއްގައި ރައްކާކުރުމަށް އިސްކަންދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

"ގަހަނާއާއި އަގުބޮޑެތި ތަކެތީގެ ތެރެއިން ކާރާއި ސައިކަލުވެސް ގިނަ ދުވަހަށް ރަށުން ބޭރަށް ދާކަމުގައިވަނީނަމަ އިތުބާރުކުރެވޭ މީހަކާއި ޙަވާލުކުރުމަކީ ކުރެވިދާކަމެއް" އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ރަމްޒީ ވިދާޅުވިއެވެ.

މީގެއިތުރުންވެސް ގޭގައި ހުންނަ ފެންލައިޓާއި ކުޑަދޮރު ފަދަ ތަންތަން ހުރީ ވައްކަން ކުރަން އުޅޭ މީހަކަށް ނުވަދެވޭނެހެންކަން ޔަޤީންކުރުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ. ހަމައެއާއެކު ފުރައިގެން ދިޔުމުގެ ކުރިން ރަށުގައި ނެތްކަން ކައިރީގައި އުޅޭ އަވަށްޓެރިންގެ ތެރެއިން އިތުބާރުކުރެވޭ ފަރާތަކަށް އެނގުމަކީވެސް ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދުވަސްވަރު ގިނަ ބަޔަކު މާލެއިން ފުރައިގެން އަތޮޅުތެރެއަށް ދާތީ، ކަނޑު ދަތުރުކުރާ ނިސްބަތްވަނީ އިތުރުވެފައެވެ. އެހެންކަމުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މެރިން ފުލުހުންގެ ފަރާތުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒަހީރް ޢީސާ ވިދާޅުވީ، ފުރަން ނިންމާ ހިސާބުންވެސް އެންމެ އިސްކަމެއްދޭން ޖެހެނީ އެދުވަހެއްގެ މޫސުމަށްކަމަށެވެ. ދަތުރުގައި ފުރުމަށް މޫސުން ތަންދޭކަން ބެލުމަށްފަހު ދަތުރު ދާ އުޅަނދަކީ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ އުޅަނދެއްކަން ޔަޤީންކުރުމަށްވެސް ވަނީ އިރުޝާދުދެއްވާފައެވެ.

"ފުރަތަމަ ކަމެއްގެ ގޮތުން ދަތުރުކުރާ އުޅަނދަކީ އެކަމަށް އެކަށީގެންވާ އުޅަނދެއްކަން ކަށަވަރުކުރަންޖެހޭ. ދެވަނައަށް އެ އުޅަނދުގައި ސަލާމަތީގޮތުން ހުރުން ލާޒިމުކުރާކަންކަން ހުރިތޯ ޔަޤީންކުރަންޖެހޭ. މިފަދަ ކޮންމެ ޢީދެއްގައިވެސް އަޅުގަނޑުމެން ޚާއްސަ އޮޕަރޭޝަނެއް އެބަ ހިންގަން. މި އޮޕަރޭޝަން މިއަދުން ފެށިގެން ކުރިއަށްދާއިރު ބަލާނީ އުޅަނދުތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުންނަންޖެހޭ ކަންކަން ހޮރިގޮތަށް" ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒަހީރް ޢީސާ ވިދާޅުވިއެވެ.

ޢީދު ބަންދާއި ދިމާކޮށް އަތޮޅުތެރޭގެ އެއްރަށުން އަނެއް ރަށަށް ދިޔުމުގައިވެސް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި ޢީދު ތެރޭގައި މޫދު ކުޅިވަރުތައް އިންތިޒާމުކުރުމުގައިވެސް އެންމެންގެ ސަލާމަތަށް ވިސްނާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

ޢީދަކީ ޢާއިލާއާއި އެކުވެރިންނާއެކު ހޭދަކޮށްލުމަށް ލިބޭ އުފާވެރި ދުވަސްވަރެކެވެ. އެކަން އެގޮތުގައި ދެމެހެއްޓުމަށް ހުރިހާ ފަރާތަކުންވެސް ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަމަށް ޚާއްޞަ އިސްކަމެއް ދިނުމަކީ މުހިއްމުކަމެކެވެ.