ޚަބަރު

އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިޢުލާންކޮށްފި


1444 ވަނަ އަހަރުގެ އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ވަނަތަކަށް ހޮވުނު ފަރާތްތައް އިޢުލާންކޮށްފިއެވެ.

ބުދަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މިއަހަރުގެ އިޙްޔާ ފޯރަމްގެ އެންމެ ފަހު ޖަލްސާގައި، މާލޭގައި ބޭއްވި ފޯރަމްތަކުގެ ފައިނަލް ގުރުއަތުން ހޮވުނު ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ދިޔަ ފަރާތައް އިނާމުދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މިގުރުއަތުން އެއްވަނައަށް ހޮވުނު ފަރާތަކަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ޢުމްރާ ދަތުރެކެވެ. ދެވަނަ ފަރާތަށް ލިބިފައިވަނީ އުރީދޫއިން ސްޕޮންސަރކޮށްފައިވާ S21ގެ ސްމާޓްފޯނެކެވެ. ތިންވަނައަށް ހޮވުނު ފަރާތަށް ލިބިފައިވަނީ ސޯފާ ސެޓެކެވެ.

މި އަހަރު ޖުމްލަ 20 އިޙްޔާ ފޯރަމް ބާއްވާފައިވާއިރު އޭގެ ތެރޭގައި މާލެސިޓީއާއި އަތޮޅުތެރޭގައި ބޭއްވި އިޙްޔާ ފޯރަމްތައް ހިމެނެއެވެ. އަތޮޅުތަކުގެ އިޙްޔާ ފޯރަމްތަކުގެ ފައިނަލް ގުރުއަތުނެގުން ބާއްވާފައިވަނީ 14 އެޕްރިލް 2023 ގައި ފުވައްމުލައް ސިޓީގައި ބޭއްވި ފޯރަމްގައެވެ. 1444 ވަނަ އަހަރުގެ ރަމަޝާންމަހުގެ އެންމެ ފަހު އިޙްޔާ ފޯރަމް ޚާއްޞަކޮށްފައިވަނީ "ފާފަ ފުއްސަވައިދެއްވުމުގައި ﷲ ގެ އޯގާވަންތަވެރިކަން" މި މައުޟޫއަށެވެ. މި މައުޞޫއަށް ތަޤްރީރުކުރެއްވީ، ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ.


މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ، މިހާތަނަށް، އެހެން އެއްވެސް ސަރުކާރަކުން ރަމަޟާންމަހެއްގައި ނުބާއްވާހާ ގިނަ ޕްރޮގްރާމްތައް މި އަހަރު ބޭއްވިފައިވާކަމަށެވެ. އަދި މި ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާތީ އެފަރާތްތަކަށް މިނިސްޓަރ ވަނީ މި ޖަލްސާގައި ޝުކުރުއަދާކުރައްވާފައެވެ.

1444 ވަނަ އަހަރުގެ ރަމަޟާންމަހު ކުރިއަށްގެންދިޔަ އިޙްޔާ ފޯރަމްތަކުގެ ތެރޭގައި ދަރިވަރުންނަށް ޚާއްސަކޮށްގެންވެސް އިޙްޔާ ފޯރަމްތަކެއް މުޅިން އަލަށް ވަނީ ބާއްވާފައެވެ.

އެގޮތުން ޖުމްލަ 4 ސްކޫލެއްގެ 4 ފޯރަމެއް ކުރިއަށްގެންދެވުނުއިރު، މި ފޯރަމްތަކުގައި ބައިވެރިވެފައިވަނީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ)އެވެ.