ޚަބަރު

އެޓަލާންޓާގެ ފޯވާޑް ރެޓެގުއީ ސައުދީގެ އަލް ގަދުސިއާއަށް ސޮއިކޮށްފި


ނިމިގެންދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި އެޓަލާންޓާގެ ފޯވާޑް މަޓިއޯ ރެޓެގުއީ، ސައުދީ ޕްރޯ ލީގުގެ އަލް ގަދުސިއާއަށް ބަދަލުވެއްޖެއެވެ.

އުމުރުން 26 އަހަރުގެ ރެޓެގުއީ ސައުދި އަރަބިއްޔާގެ އަލް ގަދުސިއާއަށް ބަދަލުވެފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފައިވީ ނަމަވެސް، އޭނާ އެ ކްލަބަށް ގެންދިޔަ ޓްރާންސްފަރ ފީއާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އިޓަލީގެ މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ރެޓެގުއީގެ ސޮއި އަލް ގަދުސިއާއިން ހޯދާފައިވަނީ 76 މިލިއަން އެމެރިކާ ޑޮލަރުގެ ފީ އަކަށެވެ. މިއީ ރަގަޅު އަދަދެއް ނަމަ އޭނާ ވެގެންދާނީ އިޓަލީގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.

އެޓަލާންޓާގެ ފޯވާޑް ޖިއާންލޫކާ ސްކަމާކާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ނެތްތަން ފޫ ބެއްދުމަށް މިދިޔަ ސީޒަނުގެ ކުރިން ޖެނޯއާއިން ރެޓެގުއީ އެޓަލާންޓާއަށް ގެންދިޔައިރު، އޭނާ ވަނީ ނިމިގެންދިޔަ ސީޒަނުގައި 25 ގޯލު އެޓަލާންޓާއަށް ޖަހައިދީފަ އެވެ.

އާޖެންޓީނާއަށް އުފަން ރެޓެގުއީގެ އާއިލާ އަކީ އިޓަލީއަށް ނިސްބަތްވާ ބަޔަކަށް ވާތީ 2023 ވަނަ އަހަރު ރޮބާޓޯ މަންޗީނީ ވަނީ އޭނާއަށް އިޓަލީގެ ގައުމީ ޓީމުން ފުރުސަތު ދީފައެވެ. އަދި ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ އިންގްލަންޑް ކޮޅަށް ލަނޑު ޖަހާފަ އެވެ. ގައުމީ ޓީމަށް މިހާތަނަށް 20 މެޗު ކުޅެފައިވާ ރެޓެގުއީ ވަނީ 6 ލަނޑު އިޓަލީއަށް ޖަހައިދީފަ އެވެ.

ސައުދީ ލީގުގެ އަލް ގަދުސިއާއިން ފޯވާޑެއް ހޯދާފައިވަނީ ކުރިން އެ ކްލަބަށް ކުޅުނު ގެބޮންގެ ފޯވާޑް ޕިއޭ އެމެރިކް އޮބަމެޔަންގް މިދިޔަ ބުރާސްފަތި ދުވަހު އެ ކްލަބު ދޫކޮށްލުމާއި ގުޅިގެންނެވެ.