ކުޅިވަރު

ޑެންވާ ނަގެޓްސްއިން މިނެސޯޓާ ޓިމްބަވުލްވްސްގެ މައްޗަށް ދެ މެޗުގެ ލީޑެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސް ފުރަތަމަ ބުރުގައި ވެސްޓަން ކޮންފަރެންސްގައި އަށްވަނައަށް ސީޑް ކުރެވިފައިވާ މިނެސޯޓާ ޓިމްބަވުލްވްސް ބަލިކޮށް އެއްވަނައަށް ސީޑް ކުރެވިފައިވާ ޑެންވާ ނަގެޓްސްއިން ދެ މެޗުގެ ލީޑެއް ނަގައިފިއެވެ.

ޑެންވަރގެ ބޯލް އެރީނާގައި ކުޅުނު ދެވަނަ މެޗް ނަގެޓްސްއިން ކާމިޔާބުކުރީ 122 ޕޮއިންޓް 113 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްގެ ޖަމާލް މަރީ ވަނީ 40 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ޓިމްބަވުލްވްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 41 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 4 އެސިސްޓް ދިން އެންތަނީ އެޑްވާޑްސްއެވެ. މިދެޓީމްގެ މެދުގައި ކުޅޭ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެރޭ މިނިއަޕޮލިސްގެ ޓަގެޓް ސެންޓަރުގައެވެ.

ވެސްޓަން ކޮންފަރެންސްގައި ދެވަނައަށް ސީޑް ކުރެވިފައިވާ މެމްފިސް ގްރިޒްލީސް އާއި ހަތްވަނައަށް ސީޑް ކުރެވިފައިވާ ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރި ދެވަނަ މެޗް ކާމިޔާބުކޮށް ގްރިޒްލީސްއިން މިހާރުވަނީ މިސީރީޒް އެއް މެޗް އެއްމެޗުން އެއްވަރުކޮށްފައެވެ. މެމްފިސްގެ ފެޑެކްސް ފޯރަމްގައި ކުޅުނު މިމެޗް ގްރިޒްލީސް ކާމިޔާބުކުރީ 103 ޕޮއިންޓް 93 ޕޮއިންޓުންނެވެ. މިމެޗްގައި ގްރިޒްލީސްގެ ޒާވިއާ ޓިލްމަން ވަނީ 22 ޕޮއިންޓް ހޯދާދީ 13 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. އަދި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ލެބްރޮން ޖޭމްސްއެވެ. މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ލޮސް އެންޖަލިސްގެ ކްރިޕްޓޯ ޑޮޓް.ކޮމް އެރިނާގައެވެ.

މިމުބާރާތުގެ އީސްޓަން ކޮންފަރެންސްގައި އެއްވަނައަށް ސީޑް ކުރެވިފައިވާ މިލްވައުކީ ބަކްސް އާއި އަށްވަނައަށް ސީޑް ކުރެވިފައިވާ މައޭމީ ހީޓްގެ މެދުގައި ކުޅުނު ދެވަނަ މެޗް ބަކްސް ކާމިޔާބުކޮށް މިސީރީޒް މިހަރުވަނީ އެއް މެޗް އެއްމެޗުން އެއްވަރުވެފައެވެ. ބަކްސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ޖިއާނިސްއާ ނުލާ ކުޅުނު މިމެޗް ބަކްސް ކާމިޔާބުކުރީ 138 ޕޮއިންޓް 122 ޕޮއިންޓުންނެވެ. މިމެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 11 އެސިސްޓް ދިން ޖުރޫ ހޮލިޑޭސްއެވެ. އަދި ހީޓްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 3 އެސިސްޓް ދިން ޖުމީ ބަޓްލާއެވެ.