ކުޅިވަރު

އާސެނަލް ބަލިކޮށް ޔުނައިޓެޑުން ލީގަށް ކުރާ އުއްމީދު އާކޮށްފި


އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގައި އާސެނަލް ބަލިކޮށް ލީގު ކާމިޔާބުކުރުމަށް ކުރާ އުއްމީދު މެންޗެސްޓާ ޔުނައިޓެޑުން އާކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިމެޗްގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ހަވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިންގްލަންޑްގެ ފޯވަޑް އަލޭސިއޯ ރޫސޯއެވެ. މިއީ މިމެޗްގައި ޔުނައިޓެޑްއިން އާސެނަލްގެ ގޯލަށް އަމާޒުކޮށް ފިނުވާލެވުނު ފުރަތަމަ ހަމަލާއެވެ.

ޔުނައިޓެޑުން މިލަނޑު ޖަހާފައިވަނީ އާސެނަލްގެ ޑިފެންޑަރ އަދި އިންގްލަންޑް ޓީމްގެ ކެޕްޓަން ލެއާ ވިލިއަމްސަންއަށް އަނޔާވެގެން ބޭލިތާ 30 މިނެޓްފަހުންނެވެ. މިއީ ފީފާ ވާރލްޑް ކަޕް ފެށެން ގާތްވެފައިވަނިކޮށް އިންގްލަންޑަށް ލިބިގެންދާނެ ބޮޑު ހާސްކަމެކެވެ. އުމުރުން 27 އަހަރުގެ ވިލިއަމްސަންއަކީ އިންގްލަންޑް ޓީމަށް 43 މެޗް ކުޅެދީފައިވާ ތަޖްރިބާކާރު ކުޅުންތެރިއެކެވެ. މިފަހަރުގެ ވާރލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް ކިޔާ ޓީމްތަކުގެ ތެރޭގައިވެސް ހިމެނޭ އިންގްލަންޑް ހިމެނިފައިވަނީ ގްރޫޕް ޑީގައި ހައިޓީ، ޑެންމާކް އަދި ޗައިނާ އާއެކުއެވެ. އަދި ފުރަތަމަ މެޗްގައި ޖުލައި މަހުގެ 22 ވަނަ ދުވަހު ނިކުންނާނީ ހައިޓީއާ ދެކޮޅަށެވެ.

އާސެނަލް އަތުން ހޯދި ކާމިޔާބީއާއެކު ޔުނައިޓެޑް މިހާރު އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 44 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. 16 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ދެވަނައިގާ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އުޅޭ އިރު އާސެނަލް އުޅެނީ 38 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ.