ޚަބަރު

ގެމަނަފުއްޓާއި ދިޔަމިގިލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ކުރުމަށް 2 ކުންފުންޏަކާ ހަވާލުކޮށްފި


ތ.ދިޔަމިގިލި ސިއްހީ މަރުކަޒުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތާއި ގއ.ގެމަނަފުށި ސިއްޙީ މަރުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް 2 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މީގެ ތެރެއިން ދިޔަމިގިލި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ދިޔަމިގިލަ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކުރުމަށް 4.4 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތް ނިންމުމަށް ދީފައިވަނީ 154 ދުވަހެވެ.

ގެމަނަފުށި ޞިއްޙީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، ޞިއްޙީ މަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ހަވާލު ކުރީ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. ގެމަނަފުށީ ސިއްޙީ މަރުކަޒުގެ މަސައްކަތްތައް ކުރުމަށް 1.3 މިލިޔަން ރުފިޔާ ޚަރަދުވާއިރު މި މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

ރަށްރަށުގެ ސިއްޙީ މަރުކަޒުތަކަށް އިތުރުކުރާ ޖާގަ އާއްމު ގޮތެއްގައި ޚާއްސަކުަރަނީ ސިއްޙީ ފަރުވާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބްލްސްއާއި ބޭސް ރައްކާކުރުމަށް ބޭނުންވާ މެޑިކަލް ސްޓޯރޭޖްގެ މަސައްކަތަށެވެ. އަދި އެ އިމާރާތުގައި އިދާރީ ބަޔަކާއި ލޯންޑަރީ ބަޔަކާއި ޢާއްމު ސިއްޙަތު ކުރިއެރުވުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ޕަބްލިކް ޔުނިޓާއި އެމްބިއުލާންސް ބާއްވާ ގަރާޖް ފަދަ ތަންތަން ހިމެނެއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.