ޚަބަރު

ވިސްނާނުލާ ބާރުކޮށްލެވޭ ދުވެއްޔާއެކު މަގު ބޭނުންކުރާ އެންމެންގެ ފުރާނަ ނުރައްކަލަށް


ރައްކާތެރިކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށްވުރެ ބާރު ދުވެލީގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކާރު ނުވަތަ ސައިކަލް ދުއްވަނީ މަޖަލަކަށް ނުވަތަ އެހެން މީހުންނަށް ތިމާގެ މޮޅުކަން ދައްކަންކަމަށްވިޔަސް، ތަންތަނަށް ދާން އޮންނަ ވަގުތު ކުޑަތަން ވަންދެން މަޑުކޮށްގެން ހުރުމަށްފަހު، ގަޑިކައިރިވުމުން އެތަނަކަށް ދާން އަވަސް އަރުވާލައިގެން ބާރު ދުވެލީގައި އުޅަނދު ދުއްވާ މީހުންވެސް މަދެއް ނޫނެވެ.

ކޮންމެ ބޭނުމަކަށްވިޔަސް ރައްކާތެރި ދުވެލީގެ މިންގަނޑު ނުވަތަ ދުއްވަން ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑަށްވުރެ ބާރަށް ދުއްވުމަކީ ތިމާގެ ކޮންޓްރޯލް އެ އުޅަނދަކުން ގެއްލި، މަގުމަތީގެ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. މިފަދަ އެކްސިޑެންޓްތަކުގައި އަނިޔާ ލިބެނީ ހަމައެކަނި ބާރަށް އުޅަނދު ދުއްވި މީހާއަކަށް ނޫނެވެ. މިކަމުގެ ސަބަބުން މަގުމަތި ބޭނުންކުރާ އެހެން މީހުންނާއި، މުދަލާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތައްވެސް ނުރައްކަލަށް ހުށަހެޅެއެވެ.

އުޅަނދު ދުއްވާ ސްޕީޑު، ނުރައްކަލަކަށް ވަނީ ހަމައެކަނި ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުމަކުން ނޫނެވެ. މޫސުން ގޯސް ދުވަސްތަކުގައާއި، ހަލާކުވެ އަޑިގުޑަންތައް ގިނަ މަގުތަކާއި، އަނދިރި ސަރަހައްދުތަކުންނާއި ހަނި މަގުތަކުން ދުއްވާއިރު، ސްޕީޑް ލިމިޓްގެ ތެރެއިން ދުއްވިޔަސް އެއީ އެ ދުއްވާ މަގަކާއި ބަލާފައި ބާރު ސްޕީޑަކަށްވެ، ބަޔަކު ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.

އުޅަނދުގެ ސްޕީޑް ބާރުކޮށްލާ ކޮންމެ ފަހަރަކު އެކަމުގެ ސަބަބުން ތިމާއާއި މަގުގައި ދެން ތިބި އެންމެން ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އިތުރުވެއެވެ. ތިމާއަކީ ދުއްވަން ކިތަންމެ ފަރިތަ އަދި މޮޅު މީހެއްނަމަވެސް، ނުރައްކާތެރި ސްޕީޑެއްގައި ދުއްވާނަމަ ކުއްލިއަކަށް ކުރިމައްޗަށް އަރާ އުޅަނދަކުން ނުވަތަ މީހެއް އަދި އެހެންވެސް އެއްޗަކުން ރެކެން ދަތިވެ، ނުރައްކާތެރި ހާދިސާތައް ހިނގަން މެދުވެރިވެއެވެ.

ނުރައްކާތެރި ސްޕީޑުގައި ނުވަތަ ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ މަގުމަތީގެ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމަކީ ޕާކްކުރުން މަނާތަނެއްގައި ޕާކްކުރުން ފަދަ ޓްރެފިކާގުޅޭ ކުށަކަށްވުރެ ބޮޑުކަމަކެވެ.

ރާއްޖޭގައި ރައްކާތެރި ދުވެލީގެ މިންގަޑުގެ ގޮތުގައި ކަޑައަޅާފައިވާ މިންގަޑުތަކަކީ:

- ބްރިޖާއި ހައިވޭގައި 25 ކިލޯމީޓަރާއި 50 ކިލޯމީޓަރާއި ދެމެދުގައެވެ.
- ރަށު ތެރޭގައި ދުއްވުމަށް ވަކި ބޯޑެއް ޖަހާފައިނުވާނަމަ ސައިކަލާއި ބެޓްރި ސައިކަލާއި ކާރާއި ބަސް ދުއްވޭނެ ބާރުދުވެއްޔަކީ ގަޑިއަކު 30 ކިލޯމީޓަރަށްވުރެ ބާރު ނޫން ދުވެއްޔެކެވެ.
- މުދާ އުފުލުމަށް ބޭނުން ކުރާ ޕިކަޕް ދުއްވަން ވާނީ 25 ކިލޯމީޓަރަށްވުރެ ބާރުނޫން ދުވެއްޔެއްގައެވެ.
- ފޯރކް ލިފްޓް ފަދަ ބަރު ވެހިކަލްތަށް 15 ކިލޯމީޓަރަށްވުރެ ބާރުނޫން ދުވެއްޔެއްގައެވެ.
- ސްކޫލް ސަރަޙައްދުގައި ސްކޫލް ކުދިން ޙަރަކާތެރިވާ ގަޑީގައި އުޅަނދުތައް ދުއްވަންވާނީ 10 ކިލޯމީޓަރަށްވުރެ ބާރުނޫން ދުވެއްޔެއްގައެވެ.

ރާއްޖޭގައިވެސް މިހާތަނަށް ހިނގާފައިވާ އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވެފައިވާ މައިގަނޑު އެއް ސަބަބަކީވެސް ކަނޑައަޅާފައިވާ ދުވެއްޔަށް ބާރަށް ނުވަތަ ޙާލަތާ ނުބައްދަލު ދުވެއްޔެއްގައި އުޅަނދުތައް ދުއްވުމެވެ. ރާއްޖޭގައި އާއްމުކޮށް ބާރު ސްޕީޑުގައި ދުއްވަނީ ޒުވާނުން އުމުރުފުރައިގެ ފިރިހެން ކުދިންކަމަށްވިޔަސް، އަންހެނުންނާއި އެހެން އުމުރުތަކުގެ ފިރިހެނުންގެ ފަރާތުންވެސް މި މަންޒަރު ފެނެއެވެ. ކޮންމެ މީހަކު ކުރިޔަސް އެކުރެވެނީ އެމީހާގެ ނުވަތަ އެހެން ބައެއްގެ ފުރާނަ ގެއްލިދާނެފަދަ ނުވަތަ އުމުރުދުވަހު ނުކުޅެދުންތެރިކަމެއްގައި އުޅެންޖެހޭފަދަ ނުރައްކާތެރި ކަމެއްކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ.

ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ރާއްޖޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގައި އެހެން އުޅަނދުތަކުގައި ތިބޭ މީހުންނާއި މަގުމަތީގައި ހިނގާފައި އުޅޭ މީހުންނަށް ބޮޑެތި އަނިޔާވެ، ފުރާނަ ގެއްލިފައިވެސް އެބަހުއްޓެވެ. އަދި ބައެއް ފަހަރު ބާރު ދުވެލީގެ ސަބަބުން މީހުންގެ މުދަލާއި ގެދޮރަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 4 ވަރަކަށް އަހަރު ސިނަމާލެ ބްރިޖާއި ހައިވޭގައި ހިނގާފައިވާ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވައިގެނެވެ. އަދި ބާރަށް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތަކުގެ ނުރައްކާވެސް ބޮޑުކަން ފުލުހުން ފާހަގަކުރެއެވެ.

ބާރަށް ދުއްވާ މީހުންނާއި މެދު އަޅާ ފިޔަވަޅުތައް

ހައިވޭއާއި ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޕީޑް ގަން ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަންތަކުގައި މަގު ބޭނުންކުރާ އެންމެންނަށް ނުރައްކާ ވާގޮތަށް ބާރަށް ދުއްވާ މީހުން ހުއްޓުވައި، އެފަދަ ފަރާތްތަކާއި މެދު އަންނީ ފިޔަވަޅު އަޅަމުންނެވެ. މިގޮތުން:

ދުވެލީގެ މިންގަޑާއި ޚިލާފުވާ ފުރަތަމަ ފަހަރު ނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެކު ދެން ތަކުރާރު ކޮށްފި ނަމަ ދެވޭނެ އަދަބު ބުނެދެވެއެވެ.

ދެވަނަ ފަހަރަށް ރައްކާތެރި ދުވެލީގެ މިންގަޑާއި ޚިލާފު ވެއްޖެ ނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެކު އުޅަނދު ދުއްވުމުގެ ހުއްދަ 48ގަޑި އިރަށް ހިފެހެއްޓެއެވެ.

ދުވެލީގެ މިންގަނޑާއި ޚިލަފަށް ދެފަހަރަށްވުރެ އިތުރަށް ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެކު 15 ދުވަހުގެ މުއްދަތަށް އެއުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވެއެވެ.

ބާރަށް ދުއްވާ ފަރާތްތަކަށް މިފަދަ ފިޔަވަޅުތައް އަޅަމުން ދަނީ އެކަމުގެ ނުރައްކާތެރިކަން ވިސްނައިދީ ކަމުގެ ނުރައްކާތެރިކަން ކުޑަކުރުމަށެވެ. ފިޔަވަޅެއް އެޅުމުން ވިސްނަންވީ ތިމާއަށް މިކުރެވުނީ ކިހާވަރެއްގެ ކަމެއްކަމެވެ. ތިމާގެ ސަބަބުން އަނެކާއަށް ނުރައްކާވެދާނެކަމެވެ. ޢަޒުމް ކަނޑައަޅަންވީ ދެވަނަ ފަހަރަށް އެފަދަ ކުށެއް ތަކުރާރު ނުކުރުމަށެވެ.
ބާރަށް ދުއްވާ ވެހިކަލްތައް ހުއްޓުވައި، އެމީހުންނާމެދު ފިޔަވަޅު އަޅަން ފުލުހުންނަށްވެސް ދަތިތަކެއް އެބަހުއްޓެވެ. އެގޮތުން އެކަށީގެންވާ އަދަދަކަށް ސްޕީޑް ގަން ނެތުމަކީ އޭގެތެރެއިން އެއް މައްސަލައެވެ. އަދި ޤާނޫނާއި ގަވާއިދާ ޚިލާފަށް ދުއްވާ ވެހިކަލްތައް ޓޯވކުރުމަށް އޮތް ހަރުކަށި ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން ލުއި ދެއްވުމަކީވެސް ބާރަށް ދުއްވުން މަދުކުރުމަށް ފުލުހުންނަށް އޮތް ބޮޑު ހުރަހެކެވެ.

ހުޅުމާލެއަކީ ވެސް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށްފައިވާ ފުޅާ މަގުތަކެއް އޮންނަ ތަނަކަށްވުމުން ބާރު ސްޕީޑުގައި އުޅަނދު ދުއްވާ ފަރާތްތައް ހުޅުމާލޭގައި ވެސް އިތުރުކުރަން ފާހަގަކުރެވެއެވެ. ނަމަވެސް ހުޅުމާލޭގައި ވެސް ބާރަށް ދުއްވާ ފަރާތްތައް މޮނިޓަރކޮށް، ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންތަކަށް ބޭނުންކުރަން އޮތީ އެންމެ ސްޕީޑް ގަންއެކެވެ. މީގެއިތުރުން ސްޕީޑް ކެމެރާތައް ހަރުކޮށްގެން މޮނީޓަރކުރާ އުސޫލުގެ ތެރެއިން އަދި ހުޅުމާލޭގައި ކެމެރާ ހަރުކޮށްގެން ބެލޭނެ އިންތިޒާމެއް ނެތްކަން ފުލުހުން ފާހަގަކުރައްވައެވެ.

ބާރަށް ދުއްވާ ފަރާތްތައް ދެނެގަނެ، ފިޔަވަޅު އަޅަން ސްޕީޑް ކެމެރާތައް ހަރުކޮށްފައި ހުރިނަމަވެސް އެކަމާގުޅޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުމުން ކުށްވެރިވާ ފަރާތްތަކަށް އެޅޭނެ މާބޮޑު ފިޔަވަޅެއް ނެތެވެ. ފުލުހުން ވިދާޅުވީ ނުރައްކާތެރިކޮށް، ބާރު ސްޕީޑުގައި ދުއްވުން ކޮންޓްރޯލްކުރެވޭނީ ހުރިހާ މުއައްސަސާއެއް ގުޅިގެން ޤާނޫނުތަކުގައި ހުރި މައްސަލަތައް ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ.

ބްރިޖާއި ހައިވޭގެ ދިގުމިނަށް ބަލާއިރު ބްރިޖް ގެ ދިގުމިނަކީ 1.33 ކީލޯ މީޓަރު އަދި ހައިވޭގައި 4 ކިލޯ މީޓަރާއެކު އެއީ ޖުމްލަ 5.33 ކިލޯ މީޓަރެވެ. ބްރިޖާއި ހައިވޭގައި ދުއްވަން ކަނޑައަޅާފައިވަނީ ގަޑީއަކު 50 ކިލޯމީޓަރުގެ ދުވެއްޔެކެވެ.50 ކިލޯ މީޓަރުގެ ބާރު މިނުގައި ދުއްވައިގެން 5.33 ކިލޯ މީޓަރު ހުރަސްކޮށްލުމަށް މާގިނައިރުތަކެއް ނުނަގާނެއެވެ. ނަމަވެސް ލަސްވެފައި ހުންނަވަރުން 5 މިނިޓް ތެރޭގައި 5.33 ކިލޯމީޓަރު ހުރަސްކުރުމަށް ތިމާގެ ހިތަށް އަންނަނީ ތިމާއާއި އެހްންމީހުންގެ ފުރާނައާއި މުދަލާއި މެދު ހަމަ އެންމެ ފަހަރަކު ވިސްނާނުލާކަން ޔަގީނެވެ.

ސައިކަލަކަށް، ކާރަކަށް ނުވަތަ އެހެންވެސް އުޅަނދަކަށް އެރުމުން ބައެއް މީހުން ފޯރީގައި އެ ދުއްވާ ބާރު ސްޕީޑަކީ އެ ވަގުތައް ހިތްހަމަޖެހުމަކަށް ވިޔަސް، އެ މާޖާގަނޑު ހީވެސް ނުކުރާފަދަ ބިރުވެރިކަމަކަށް ބަދަލުވެފައި އެބަހުއްޓެވެ. ރަށްޓެއްސަކާއެކު ބުރެއް ޖަހާލަން ނިކުތް އެތައް މީހުންނެއް ނުވަތަ ޒުވާނުންނެއް ވަނީ އަނބުރާ ގެއަށް ނައިސް، އަޅުގަނޑުމެންނާ ވަކިވެގެން ގޮސްފައި. ކުށެއް ނެތް އެތައް ބަޔަކަށް ވަނީ އަނިޔާ ލިބި އުމުރުދުވަހު ނުކުޅެދޭ ޙާލަތުގައި އުޅެންޖެހިފައި.

މުޖުތަމަޢުގައި ހުންނަ ބައެއް މައްސަލަތަކަކީ ފަރުދީ ޒިންމާ ބޮޑުކޮށްގެން ޙައްލުކުރެވޭ މައްސަލަތައް ނަމަވެސް ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް ވެހިކަލް ދުއްވުން މަދުކުރުމުގައި މަގުމަތީގައި ހިނގާފައި އުޅޭ މީހަކަށް ނުވަތަ ސައިކަލުގައި ޤަވާޢިދާ އެއްގޮތަށް އުޅޭ މީހަކަށް ކުރެވޭނެކަމެއް ނެތެވެ.

ބަޔަކު ކުރާ ޒިންމާދާރުކަން ކުޑަކަމެއްގެ ސަބަބުން ކުރާކަމަކުން ކުށެއް ނެތް ބަޔަކަށް އަނިޔާ ލިބޭނަމަ އެކަންކަމަށް ފިޔަވަޅު އަޅާއި، ހައްލުކުރުމުގެ ހުރިހާވެސް ބާރެއް އޮންނާނީ ކަމާއިބެހޭ ފަރާތްތަކަށެވެ. ފުލުހުންގެ ވަސީލަތްތައް އިތުރުކޮށް، ޤާނޫނީ ގޮތުން އިތުރު ބާރުތައް ދޭންޖެހެއެވެ. ނުރައްކާތެރިކޮށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ވެހިކަލް ފުލުހުން ޓޯ ކުރުމުން، އެ ވެހިކަލް ފަސޭހައިން ދޫކުރެވޭ ގޮތަށް ޓްރާންސްޕޯޓުން ހެދި ޤަވާޢިދު އަލުން ހަރުކަށި ކުރަންޖެހެއެވެ. މަގުމަތީގައި އުޅޭ އެންމެންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދުވެލި ބާރުކޮށް އުޅަނދުތައް ދުއްވާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅުތަކެއް ނާޅަނީސް، މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދުތައް ދުއްވާ މީހުން މަދެއް ނުކުރެވޭނެއެވެ.