ޚަބަރު

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަންފަށައިފި


މާލެސިޓީގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފަށައިފިއެވެ.

1444 ވަނަ އަހަރު ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީގައި ފިޠުރުޒަކާތް ބެހުން ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. މި ދެ ދުވަހު، މަޖީދިއްޔާ ސްކޫލުގެ "ޞަލާޙުއްދީން ހޯލް" ގައި ޒަކާތް ބަހަމުން ގެންދާނެއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ދައްކާފައިވަނީ ޖުމްލަ 2723 މީހުންނެވެ. އަދި ޒަކާތާއި ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުގެ ޖުމްލަ 7378.7 ކިލޯގެ ތަކެތި ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އެއީ ގޮވާމުން ޒަކާތްދެއްކި 6535.2 ކިލޯގެ ގޮވާމާއި، ޞަދަގާތުގެ ގޮތުގައި ދެއްކި 843.5 ކިލޯގެ ގޮވާންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ (އާދައިގެ)، ބާސްމަތީ ހަނޑޫ (މޮޅު)، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) ،އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ފުށް އަދި އާޓާ ފުށުންނެވެ. ގޮވާމުން ޒަކާތް ދެއްކުން ކުރިއަށްދާނީ ވެސް މާދަމާގެ ނިޔަލަށެވެ.