ޚަބަރު

މެޖިސްޓްރޭޓްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ޞައްޙަ ނޫން ކޯޓް އަމުރެއް ތައްޔާރުކުރެއްވި މައްސަލާގައި ހައްޔަރުކުރައްވާފައިވާ އދ. މާމިގިލީ ކޯޓްގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާނުގެ ބަންދުގެ މުއްދަތު ހައިކޯޓުން އަނެއްކާވެސް އިތުރުކުރައްވައިފިއެވެ.

މިއީ އެނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރެއްވި ތިންވަނަ ފަހަރެވެ. ހައިކޯޓުން މިއަދު ވަނީ އަޙުމަދު ނިހާންގެ ބަންދަށް ހަތްދުވަސް އިތުރުކޮށްދެއްވާފައެވެ. ނިހާންގެ މައްސަލަ ފުލުހުން ތަޙްޤީޤު ކުރައްވަމުން ގެންދަވާއިރު ޖޭއެސްސީންވެސް ގެންދަވަނީ އެނާގެ މައްސަލަ ބައްލަވަމުންނެވެ. އަދި އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އަޙުމަދު ނިހާން ވަނީ ވަކި މުއްދަތެއް ނެތްގޮތަށް ފަނޑިޔާރުކަމުން ސަސްޕެންޑް ކުރައްވާފައެވެ.

މާލޭއިން ދިޔަ ބަޔަކާއެކު ދަންވަރުގެ ވަގުތެއްގައި ކޯޓު ހުޅުވައިގެން ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނެރުނު މައްސަލާގައި ނިހާންގެ އިތުރުން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުޙްސިންވެސް ވަނީ ހައްޔަރުކުރައްވާފައެވެ. އެނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްދެއްވާފައިވެއެވެ.