ޚަބަރު

ބ. އަތޮޅުގައި އޮތް އެންމެ ބާރުބޮޑު ދަރަވަންދޫ ބަނދަރު ބޮޑުކޮށް މަރާމާތުކުރަނީ


ބ.އަތޮޅުގައި އޮތް އެންމެ ބާރު ބޮޑު ބަދަރަކީ ވެރިކަން ކުރާ އޭދަފުށީ ބަނދަރެވެ. އެހެންނަމަވެސް އެބަނދަރާ އެއްވަރަށް މިހާރު ބާރު ބޮޑު އަނެއް ބަނދަރަކީ އެއަތޮޅުގެ މައި ދޮރާށީގެ ގޮތުގައި އޮންނަ ދަރަވަންދޫ ބަނދަރެވެ. އެތައް ހާސް ފަތުރުވެރިންނަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމަށާއި، އެރަށު މީހުންގެ އޮޑިފަހަރު އެޅުމަށް ފަޅު ކުޑަވުމުގެ ސަބަބުން އެއް އުޅަނދުން އަނެއް އުޅަނދަށް މީހުން އަރުވާ ބޭލުމަކީ އެއަރޕޯޓް ބިޒީ ދުވަސްތަކުގައި ބަނދަރު ބޭނުންކުރާ ގޮތެވެ.

ދުވާލެއްގެ މައްޗައް 17 ފްލައިޓް އަންނަ ވައިގެ ބަނދަރެއް އޮންނަ މިރަށުގެ ބަނދަރު ކުޑަނަމަވެސް ފަތުރުވެރިންނަށާއި އެއަރޕޯޓްގެ ބޭނުން ކުރުމަށް އަންނަ މީހުންގެ އުޅަނދުތައް އެޅުމަށާއި، އަރާ ފޭބުމަށް ތަންކޮޅެއް ކަނޑައަޅާފައި އޮވެއެވެ. ބަނދަރު ބޭނުން ކުރާ އަދަދަށް ބަލާނަމަ އެއީ ވަރަށް ކުޑަ ސަރަހައްދެކެވެ. ނަމަވެސް އެއަށްވުރެ ބޮޑުކޮށް ބަނދަރުން ޖާގަދީފިނަމަ ރައްޔިތުންގެ އުޅަނދުތައް އެޅުމަށް ދަތިތަކާ ކުރިމަތިވާނެކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

ބަނދަރު ނެތް އަދި ބަނދަރު ހަލާކުވެފައި އޮތް ރަށްރަށުގެ ބަނދަރުތައް މަރާމާތުކޮށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ދަރަވަންދޫ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމަށް ހަދަންޖެހޭ ސާވޭގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާކަމަށާ، އުންމީދަކީ ބަނދަރުގެ އަމަލީ މަސައްކަތް ލަސްނުވެ ފެށުން ކަމަށް ކައުންސިލްގެ ރައީސް އަލީ ސަމީހު ވިދާޅުވިއެވެ.

ދަރަވަންދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރަނީ އެބަނދަރު ބޭނުން ކުރުމުގައި އެންމެންނަށްވެސް ލުއިފަސޭހަވާނެ ކަންކަމަށް ބަލައިގެންނެވެ.

ދަރަވަންދޫ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު 30،504 މީޓަރުގެ ސަރަަހައްދު ފުންކޮށް، 352 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓެއްލައި، 83 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމަންޓްއެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި 24 މީޓަރުގެ ގްރޮއިން ޖެހުމާއި، 248 މީޓަރުގެ އެއްގަމު ތޮށްޓެއްލުމާއި، 248 މީޓަރުގެ ސްކޯރިން އެޕްރޮން ޖަހާ ނެރު ބައްތި އާއި އޮޑި ދޯނިފަހަރު ވާއެއްސުމަށް 76 މޫރިން ހަރުކުރުމާ 34 މޫރިންގް ބޮއެ ހަރުކޮށް އެކްސެސް ޕްލެޓްފޯމެއް އެޅުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 80 ފޫޓްގެ ޓީ ޖެޓީއެއް ހެދުމާއި ބަނދަރު ހިމެނޭ ސަރަހައްދުގައި ޕޭވްމަންޓް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ.

ދަރަވަންދޫގައި މިހާރު އޮތް ބަނދަރަކީ މީގެ 20 އަހަރުކުރިން ތަރައްޤީކޮށްފައި އޮތް ބަނދަރެކެވެ. އެބަނދަރަކީ 700 ފޫޓް ދިގު 290 ފޫޓް ފުޅާ ބަނދަރެކެވެ. އެރަށަކީ ޑޮމެސްޓިކް އެއަރޕޯޓެއް އޮންނަ ރަށަކަށްވުމުން އެރަށު ފަޅަށް ދުވާލަކު އެތައް އުޅަނދެއް ވަދެ ނުކުމެހަދައެވެ. ވަކިން ޚާއްސަކޮށް ބ. އަތޮޅުގެ 16 ރިސޯޓްގެ ބޮޑެތި ލޯންޗްފަހަރު ކައިރިކޮށް ފަތުރުވެރިން އަރުވާ ބާލައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ބ.އަތޮޅުގައި އެންމެ ކުރީގައި އުޅޭ ދަރަވަންދޫ ބަނދަރު ކުޑަވެ އެޝަކުވާ އެތައްބަޔަކު ދަނީ ކުރަމުންނެވެ. އަތޮޅު ފެރީ އާއި މާލެއިން އަންނަ ސްޕީޑް ލޯންޗާ ފަތުރުވެރިން މަހަށްދާ ލޯންޗް ފަހަރާ ތެޔޮ އެޅުމަށް ބަނދަރަށް ދާ އުޅަނދުތަކާ މުދާ އުފުލާ ބޯޓުތައް ބަނދަރުގައި އޮންނަނަމަ ބަނދަރުގައި އިތުރު އުޅަނދެއް ކައިރިކުރާނެ ޖާގަ ނެތުމަކީ ބަނދަރު ބޭނުން ކުރާމީހުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ. ނަމަވެސް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ނިމުމުން މިހުރިހާ ކަމަކަށްވެސް ހައްލު ލިބިގެންދާނެއެވެ.

ބ. ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 59.9 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.