ޚަބަރު

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން މާދަމާ ފަށާނެ


މާލެ ސަރަޙައްދުގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން މާދަމާ ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. މާލެ ސިޓީގައި ގޮވާމުގެ ބާވަތްތައް ބަހާނީ މަޖީދިއްޔާ ސްކޫލްގެ "ޞަލާޙާއްދީން ހޯލް"ގައެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ. 2023 ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ޖެހުމަށް 2000 އަށްވުރެ ގިނަ މީހުން ހުށައަޅާފައިވެއެވެ.

ގޮވާމުގެ ބާވަތުން ފިޠުރު ޒަކާތް ބެހުން، ބުދަ އަދި ބުރާސްފަތި ދުވަހުވެސް އޮންނާނެއެވެ. އެގޮތުން ބުދަ ދުވަހު މެންދުރު 13:00 ން 15:15 އަށް، ހަވީރު 16:00 ން 17:30 އަދި ރޭގަނޑު 21:00 ން 22:30 އަށް ކުރިއަށްދާނެއެވެ.

ބުރާސްފަތި ދުވަހު ގޮވާމުން ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ން ހަވީރު 17:30 އަށް އަދި ރޭގަނޑު 20:00-22:00 އަށެވެ.

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުން، ކަނޑައެޅިފައިވާ ގަޑިތަކުގައި ޒަކާތް ބަލައިގަތުމަށް އައުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އެދިފައެވެ.

ގޮވާމުން ޒަކާތް ބަހަން ފެށިނަމަވެސް މިމަހުގެ 20 ވާ ބުރާސްފަތި ދުވަހާ ހަމައަށް ގޮވާމުން ޒަކާތް ބަލައިގަންނާނެއެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެ ބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން، 2.4 ކިލޯގެ މިންވަރަށެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00، އަށާއި މެންދުރުފަހު 13:00 ން 15:15 އަށް އަދި ރޭގަނޑު 21:00 ން 22:30 އަށެވެ.

ރަށްރަށުގައި ގޮވާމުން ޒަކާތް ބަލައިގަތުން ކުރިއަށްގެންދާނީ އެ ރަށެއްގެ ކައުންސިލުން ހަމަޖައްސާ އުޞޫލަކުން، ހަމަޖައްސާ ތަނެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިހާތަނަށް 1590 މީހުން ގޮވާމުން ޒަކާތް ދައްކާފައިވާ ކަމަށެވެ. އެއީ 4214 ކިލޯއެވެ. މީގެ ތެރޭގައި ހިމެނެނީ ޒަކާތުގެ ގޮތުގައި ދައްކާފައިވާ 3816 ކިލޯއާއި، ސަދަގާތުގެ ގޮތުގައި ދައްކާފައިވާ 398 ކިލޯ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަތުމުގެ އިތުރުން މާލެ ސިޓީގައި، ފިޠުރު ޒަކާތް ފައިސާއިން ބަލައިގަތުންވެސް ކުރިއަށްދާނެއެވެ. އިސްލާމީ މަރުކަޒުގެ ހޯލުގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 13:00 އަށް ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެއެވެ. އަދި އަތޮޅުތެރޭގައި ކައުންސިލް އިދާރާތަކުން ހަމަޖައްސާ ގޮތެއްގެ މަތިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެއެވެ. މީގެ އިތުރަށް އޮންލައިން ޕޯޓަލްތަކުންވެސް ފިޠުރު ޒަކާތް ދެއްކޭނެއެވެ.