ޚަބަރު

ރޯދަމަސް ނިމުމާއެކު ރިޔާސީ ކެމްޕެއިނާއި، މެނިފެސްޓޯގެ މަސައްކަތް ފަށާނަން: ފައްޔާޟް


ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނާއި، މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ރޯދަމަސް ނިމުމާއެކު ފަށާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ، އެޕާޓީގެ ތެރޭގައި ބޭއްވި ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވޯ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙެވެ.

މިއަހަރުގެ ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވެވުމަށް އިލެކްޝަނުން ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ދެވަނަ ބުރެއް ބާއްވަވަން ޖެހިވަޑައިގެންފިނަމަ ދެވަނަ ބުރުގެ ވޯޓްލުން އޮންނާނީ 30 ސެޕްޓެމްބަރުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅުއްވައިފައެވެ. އިންތިޚާބަށް 5 މަސް ދުހަށް ގާތްވެފައިވާއިރު، އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިންތިޚާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟު އިސްމާޢީލް ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެކަމަށެވެ. އިންތިޚާބު ކާމިޔާބުކުރުމަށް ދުރާލައި ކުރަންޖެހޭ މަސައްކަތްތަކާއި، ކުރަންހުރި މަސައްކަތްތައް ކުރަމުން އަންނަކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ވަޢުދުތައްވެ، އެވަޢުދުތައް ފުއްދާ ޕާޓީއެއްކަމަށް ފައްޔާޟް ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔަސީ އިންތިޚާބުގައި ވެސް އެމްޑީޕީން އެކުލަވައިލައި ސިޔާސަތުތައް ނުވަތަ މެނިފެސްޓޯ ބިނާވާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މަސައްކަތް ކުރުމަށް ރޯދަމަސް ނިމުމާއެކު އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ދަތުރު ފަށާނެކަމަށް ފައްޔާޟު ވިދާޅުވިއެވެ.

"ރޯދަމަސް ނިމުމާއެކު އަޅުގަނޑުމެންގެ ޓީމުތައް ރައްޔިތުންނާ ހިސާބަށް ރައްޔިތުންގެ ޚިޔާލު ހޯދުމާއި އަދި މިހާރު މި ވޭތުވެދިޔަ ހަތަރު އަހަރު ސަރުކާރަށް ކުރެވުނު ކަންތައްތަކުގެ ތެރެއިން އިތުރަށް ކުރިއަށް ވަރުގަދަ ކުރަން ކުރަންޖެހޭ މަސައްކަތްތަކާއި، މިސްރާބު ބަދަލުކުރަންޖެހޭ ކަންތައްތަކުގައި ރައްޔިތުންގެ ކިބައިން ރައްޔިތުން ރަޢުޔު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމުމާއެކު އަޅުގަނޑުމެންގެ މަސައްކަތް ފެށިގެންދާނެ." ފައްޔާޟު ވިދާޅުވިއެވެ.

އެމްޑީޕީން ރިޔާސީ އިންތިޚާބުގެ ކެމްޕޭނާއި، މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށުމަށް ތައްޔާރުވަމުންދާއިރު، އެޕާޓީން ވަނީ ރިޔާސީ އިންތިޚާގައި ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމަށް ބައެއް ޕާޓީތަކާއި ކޯލިޝަން ހަދަން ނިންމާފައެވެ. މިހާތަނަށް އެމްޑީޕީއާއި ކޯލިޝަން ހެދުމަށް އެއްބަސްވުމަކަށް އައިސްފައިވަނީ ޢަދާލަތު ޕާޓީއާއި، އެމްޑީއޭއިންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައިވާ ޕާޓީތަކާއެކު، ރިޔާސީ އިންތިޚާބު ފުރަތަމަ ބުރުން ކާމިޔާބުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްއަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު، އެޕާޓީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން، އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ވާދަކޮށް ކާމިޔާބުކޮށްފައެވެ. އެމްޑީޕީން ދެކޭ ގޮތުގައި މިއީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އެ ޕާޓީއަށް ލިބުނު އިތުރު ކާމިޔާބެކެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ފުރުޞަތު ހުޅުވާލާނީ ޖުލައި މަހުގެ 23 ން އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ކެނޑިޑޭޓުންގެ ނަންބަރު އޯގަސްޓް މަހުގެ 9 ވަނަ ދުވަހު ތަރުތީބުކުރުމަށްފަހު ކެމްޕެއިން ކުރުމަށް 10 އޯގަސްޓުން ފެށިގެން 8 ސެޕްޓެމްބަރާ ހަމައަށް ފުރުޞަތު ދެއްވުމަށް އިލެކްޝަނުން ވަނީ ނިންމަވައިފައެވެ.