ރިޕޯޓް

މާދަމާއިން ފެށިގެން އާ ސަހަރާގައި މީހުން ވަޅުލުން ހުއްޓާލަނީ


މާދަމާއިން ފެށިގެން މާލޭ އާ ސަހަރާގައި މީހުން ވަޅުލުމުގެ ބަދަލުގައި، ހުޅުމާލޭގައި މީހުން ވަޅުލުމަށް ސަރުކާރުން ނިންމަވާފައިވާތީ، އެކަމުގެ އިންތިޒާމްތައް ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން ކުރައްވަމުން ގެންދަވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި އަލަށް ހެދި ސަހަރާގައި ވަޅުލުމުގެ ކަންކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން އެޗް.ޑީ.ސީއިން ގެންދަވަނީ އިސްލާމިކް މިނިސްޓްރީއާއި، އެމް.ޓީ.ސީ.ސީ އަދި އައި.ޖީ.އެމް ހޮސްޕިޓަލާއި ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން އެޗް.ޑީ.ސީގެ ޑިރެކްޓަރ އަހުމަދު މިރުޝާން ވިދާޅުވީ، ހުޅުމާލޭގައި މީހުން ވަޅުލުމަށް ސަހަރާއެއް ހެދުމަށްޓަކައި ގާތްގަނޑަކަށް ދެ ލައްކަ އަކަފޫޓުގެ ބިމެއް ތައްޔާރުކޮށް ކަށުކަމާކެމީގެ ކަންކަން ވީހާވެސް ފުރިހަމައަށް ކުރެއްވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސަހަރާގައި ހަދާ ދޮޅިދާންގެ މަސައްކަތް ނިމި، އަންނަ މަހު މީހުން ވަޅުލަން ފަށާއިރު ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ފެންވަރަށް އެތަނުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާކަމަށް މިރުޝާން ވިދާޅުވިއެވެ. އަދި އެތަނުގައި އަޅާ މިސްކިތުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށާއި، އެ މިސްކިތުގެ މަސައްކަތް ނިމެންދެން، މިދިޔަ އަހަރުގެ ރަމަޟާން މަހު ތައްޔާރުކުރި ވަގުތީ މިސްކިތުގައި ކަށުނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށްވެސް މިރުޝާދު ވިދާޅުވިއެވެ.މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭ ސަހަރާއަށް ގެންދިޔުމުގައި ދަތުރުފަތުރުގެ ގޮތުން ހަމަޖައްސަންޖެހޭ އެންމެހާ ކަމެއް ކުރައްވަނީ އެމް.ޓީ.ސީ.ސީގެ ފަރާތުންނެވެ. އެމް.ޓީ.ސީ.ސީގެ އެގްޒެކެޓިވް އާބިދާ ރަޝީދު ވިދާޅުވީ، މައްޔިތުން އުފުލުމަށް ޚާއްސަ ކުރެވިގެން ތައްޔާރުކޮށްފައިވާ ފެރީއެއް ނަސަންދުރާ ކުރިމަތީގައި އޮންނާނެކަމަށާއި، މި ފެރީ ފަރުމާކޮށްފައި ވަނީ އެއް ފަހަރާ ދެ މައްޔިތުން އުފުލޭގޮތަށްކަމަށެވެ. އާބިދާ ވިދާޅުވީ، މިވަގުތު އެންމެ ފެރީއެއް އޮތް ނަމަވެސް، މިފަދަ އިތުރު ފެރީއެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. މި ފެރީއަކީ މައްޔިތާގެ އިތުރުން އާއިލާގެ 4 ބޭފުޅަކަށް ދަތުރުކުރެވޭނެ ޖާގަ އޮތް ފެރީއެއް ކަމުން، އާއިލާގެ ފަރާތުން ވަޑައިގަންނަވާ އިތުރު ބޭފުޅުންނަށް ވަކިން ފެރީއެއް ނޯންނާނެކަމަށްވެސް ޢާބިދާ ވިދާޅުވިއެވެ. ނަމަވެސް އެބޭފުޅުންނަށް ޚާއްސަކޮށްގެން ސަހަރާއަށް ދެވޭނެ ވަކި ބަސް ރޫޓެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފެރީ ނޯންނަ ގަޑިތަކުގައިވެސް މައްޔިތަކު ހުޅުމާލެއަށް ގެންދަން ޖެހިއްޖެނަމަ ފެރީގެ ޚިދުމަތާއި ބަހުގެ ޚިދުމަތް އެވަގުތުތަކުގައި ދެއްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.މާލޭގައި މީހުން ވަޅުލުމުގެ ކަންކަން މިވަގުތު ކުރަމުންދަނީ މާލޭ ސިޓީ ކައުންސިލުގެ ބެއްލެވުގެ ދަށުން، އާ ސަހަރާގައެވެ. ނަމަވެސް މާލޭގައި މީހުން ވަޅުލުމުގެ ބަދަލުގައި ހުޅުމާލޭގައި މީހުން ވަޅުލުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، އާ ސަހަރާގެ ޖަމާޢަތްތެރިންވެސް ދެން މަސައްކަތް ކުރަމުންދާނީ ހުޅުމާލޭ ސަހަރާގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެޖަމާޢަތްތެރިން އިސްލާމިކް މިނިސްޓްރީގެ ބެއްލެވުމުގެ ގެންނެވުމާމެދު އަދި ވަކި ގޮތެއް ނުނިންމަވާކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މައްޔިތާ މާލެއިން ހުޅުލެއަށް، އަދި ހުޅުލެއިން ހުޅުމާލޭ ސަހަރާއަށް ގެންދިއުމުގެ ޚަރަދުތައް އާސަންދަ މެދުވެރިކޮށް ހަމަޖެހިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.