ޚަބަރު

ރައީސް ޞާލިޙާއި މިސަރުކާރުގެ ސިޔާސަތުތައް ބަލައިގެންފި: ފައްޔާޟް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، މިސަރުކާރުގެ ސިޔާސަތުތައް ބަލައިގެންފައިވާ މިންވަރު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުން ދައްކުވައިދީފި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް ޝާޒް ކާމިޔާބުކޮށްފައިވަނީ، އިދިކޮޅު ޕީޕީއެމާއި އެމްއެންޕީގެ ކެނޑިޑޭޓާ ވާދަކޮށްގެންނެވެ. ޕީޕީއެމްގެ ބާރުގަދަ ދާއިރާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާ އެމްޑީޕީއަށް ކާމިޔާބުވުމަކީ ތާރީޚީ މޮޅެއްގެގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

މި ކާމިޔާބީއާއި ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވަނީ އިންތިޚާބު ކާމިޔާބުކުރެއްވީ ޝާޒަށް މަރުޙަބާ ދަންނަވާފައެވެ. އެއަށްފަހު ވިދާޅުވީ، ރައީސް ޞާލިޙާއި މިސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަނެ، އެ އަޑުތައް މުޅި ޤައުމުގައި ގުގުމާލައިފިކަމަށެވެ.

ފައްޔާޟް ވަނީ އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމުން ކުރި މަސައްކަތަށްވެސް ތަޢުރީފްކުރައްވާފައެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އިންތިޚާބު ކާމިޔާބުކުރެއްވީ 49 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ޝާޒަށް ލިބިވަޑައިގަތީ ޖުމްލަ 1346 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޙުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ. މި އިންތިޚާބުގައި އެމް.އެން.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޢަލީ ޢާރިފަށް ލިބިވަޑައިގަތީ ޖުމްލަ 122 ވޯޓެވެ.

ޕީޕީއެމްގެ ދާއިރާއެއްގެ ގޮތުގައި އޮތް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމާއ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ ސަރުކާރާއެކު ރައްޔިތުން ތިބިކަން ހާމަވެއްޖެކަމަށެވެ.