ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި ކުއާޓާ ފައިނަލަށް ޓީމުތައް ދަތުރުކޮށްފިއެވެ.
ކުއާޓާގެ ޖާގަތައް ޔަގީންކުރި އަށް ޓީމަކީ ސީ މާސްޓާސް ލައިންސް އާއި، ލަންކާ ލަޔަންސް އާއި، ވާމިލިޔަން އާއި، ފަތަހަ ސްޓާސް އާއި، އަހިންޝަކާސް އާއި، ވަރަކަޕޯލާ އާއި، އެމްޓީސީސީ-ބީ އަދި ފްރެންޑްސް މޯލްޑިވްސްއެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހު ގްރޫޕް ސްޓޭޖުގެ ފަހު ތިން މެޗު ކުޅެވިގެންދިޔައިރު، ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ސީގައި ހިމެނޭ އެލިއާ މޯލްޑިވްސް މޮޅުވީ މީޑިއާނެޓާ ވާދަކޮށް 29 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން އެލިއާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރަު ކުޅުންތެރިން ނުބައިވެގެން ވަނީ 115 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ އަށް ބޯޅައިން 19 ލަނޑު ހެދި މުއާދު ޖިފްރީ މުޙައްމަދެވެ. ޖަވާބުގައި މީޑިއާނެޓް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 86 ލަނޑެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ދެވަނަ މެޗުން ގްރޫޕް ޑީގައި ހިމެނޭ ފަތަހަ ސްޓާސް މޮޅުވީ ވެމްކޯއާ ވާދަކޮށް ފަސް ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ވެމްކޯ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 79 ލަނޑެވެ. ޖަވާބުގައި ފަތަހަ ސްޓާސް އަރައި ފަސްވަނަ އޯވަރުގައި ވަނީ ދެ ކުޅުންތެރިން ނުބައިވެގެން 80 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ ނުވަ ބޯޅައިން 15 ލަނޑު ހެދި ކައުސަރު އަޙްމަދެވެ.
މީގެ އިތުރުން މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ތިންވަނަ މެޗުން ގްރޫޕް އީގައި ހިމެނޭ ފްރެންޑްސް މޯލްޑިވްސް މޮޅުވީ އެމްޓީސީސީ-އޭއާ ވާދަކޮށް 30 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ފްރެންޑްސް މޯލްޑިވްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއް ކުޅުންތެރިއަކު ނުބައިވެގެން ވަނީ 124 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ބޯޅައިން 31 ލަނޑު ހެދި ސިރިދަރަން ސެލްވަދަންއެވެ.
ޖަވާބުގައި އެމްޓީސީސީ-އޭ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 94 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 16 ބޯޅައިން 34 ލަނޑު އެއްކުރި ރަންޖިތެވެ.
މި ފަހަރުގެ ކޮމްޕެނީ މުބާރާތުގައި 15 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން މިހާތަނަށް ކުރިއަށްދިޔައީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހެވެ.