ޚަބަރު

ގުރައިދޫ ބައި-އިލެކްޝަން: ވޯޓު ގުނަން ފަށައިފި، އެންމެން ނަތީޖާގެ އިންތިޒާރުގައި


ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓު ގުނަން ފަށައިފިއެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ބެހެއްޓި ހަ ފޮށީގެ ވޯޓު ގުނަން ފަށާފައިވަނީ އިރުއޮއްސި 18:30ގައެވެ. މިގޮތުން ގުރައިދޫ، މާފުށި، ގުޅި އަދި މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ވަގުތީ ނަތީޖާ މިރޭ އިޢުލާންކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮތީ ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށްގެންދިއުމަށެވެ. ނަމަވެސް ވޯޓް ނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދާން ބައެއް މީހުންނަށް ދަތިވުމުން، ވޯޓުލުމުގެ ވަގުތު ހަވީރު 5:00 އަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްދީފައިވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 3423 މީހުންގެ ތެރެއިން ވޯޓު ފޮށިތައް ބަންދުކުރުމާއި ހަމައަށް ވޯޓު ލާފައިވަނީ 2،755 މީހުނެވެ. އެއީ 1431 ފިރިހެނުންނާއި 1324 އަންހެނުންނެވެ. މި އިންތިޚާބުގައި 668 މީހުން ވޯޓު ލާފައެއް ނުވެއެވެ. އެއީ %19.52 އެވެ.

މިއަދު ބޭއްވި ބައި-އިލެކްޝަންގެ ކުރިއަށްދިޔައީ ވަރަށް އަމާންކަމާ ސުލްހަވެރިކަމާއެކުކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މި އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ކެނޑިޑޭޓް ޙުސައިން ރިޒާއާއި، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާޙިމް ޝާޒް އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެނޑިޑޭޓް ޢަލީ ޢާރިފެވެ.