ކުޅިވަރު

އަންހެން ފުޓްބޯޅަ ޓީމްގެ ވަގުތީ ކޯޗަކަށް ޖަޑާ


ޤައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ވަގުތީ ކޯޗަކަށް އެސިސްޓަންޓް ކޯޗް އިބްރާހިމް ހަލީމް (ޖަޑާ) ހަމަޖައްސައިފިއެވެ. 

ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ވަގުތީ ކޯޗަކަށް އިބްރާހިމް ހަލީމް ހަމަ ޖެއްސީ ޓީމްގެ ކޯޗަކަށް ހުރި ނައޯކޯ ކަވަޓޯމޯގެ ކޮންޓްރެކްޓް ހަމަވުމުންކަމަށް އެފްއޭއެމުން މައުލޫމާތުދެއްވައެވެ. 

ޕީއެސްއެމަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ހެޑް އޮފް ވުމެންސް ފުޓްބޯލް މަރިޔަމް މުޙައްމަދު (މާޔަން) ވިދާޅުވީ ނައޯކޯގެ ކޮންޓްރެކްޓް އާކުރަން އެފްއޭއެމުން ނިންމާފައިވާކަމަށާއި، އެކަމާއި ގުޅޭ ލިޔެކިޔުންތައް މިހާރު ފުރިހަމަކުރަމުންދާކަމަށެވެ. ނައޯކޯގެ އިރުޝާދުގެ ދަށުން ދިވެހި އަންހެން ފުޓްބޯޅަ ޓީމް ހޯދަމުންދާ ނަތީޖާތަކާއިމެދު ހިތްހަމަ ޖެހޭކަމަށާއި، ވީހާވެސް އަވަހަށް ކޯޗްގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް މާޔަން ވިދާޅުވިއެވެ. 

"ނައޯކޯ ކޯޗްގެ ކޮންޓްރެކްޓް މި ފެބްރުއަރީ މަހުގެ ނިޔަލަށް ހަމަވަނީ، މިހާރު ކޮންޓްރެކްޓް އާކުރަން ނިންމައި، އެކަމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ކޯޗްގެ އިރުޝާދުގެ ދަށުން ޓީމަށް އައިސްފައިވާ ކުރިއެރުން ރަނގަޅުވީމަ ކޯޗް ބަހައްޓަން ނިންމީ" މާޔަން ވިދާޅުވިއެވެ.

ގައުމީ ޓީމުގެ ވަގުތީ ކޯޗަކަށް އެސިސްޓަންޓް ކޯޗް އިބްރާހިމް ހަލީމް ހަމަޖައްސަން މި ޖެހުނީ އަންނަ މަހު ޔޫއޭއީގައި ކުޅޭ ފީފާ އިންޓަރނޭޝަނަލް ފްރެންޑްލީ މެޗުތަކަށްކަމަށް މާޔަން ފާހަގަކުރެއްވިއެވެ. 

ޔޫއޭއީގެ ގައުމީ ޓީމާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ދިވެހި ޓީމް އެގައުމަށް ފުރާނީ މާދަމާ ހެނދުނެވެ.