ކުޅިވަރު

ކީޕަރ އިފްރާހް ވިކްޓްރީއަށް


މިދިޔަ ސީޒަންގައި ބީޖީ ސްޕޯޓްސްއިން ފެނުނު ގޯލް ކީޕަރ އިބްރާހިމް އިފްރާހް އަރީފް ވިކްޓްރީއަށް ސޮއިކޮށްފިއެވެ. 

އުމުރުން 26 އަހަރުގެ ގޯލްކީޕަރ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ސޮއިކުރީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 

ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތުދެމުން ގޯލްކީޕަރ އިފްރާހް ބުނީ އޭނާއަށް މި ސީޒަންގައި ހުށަހެޅުމެއް ލިބުނީ ވިކްޓްރީންކަމަށާއި، ހުށަހެޅުންވެސް ރަނގަޅުވުމާއިއެކު ވިކްޓްރީއަށް ކުޅެން ނިންމީކަމަށެވެ. އިފްރާހް ބުނީ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ވިކްޓްރީ ހެދުމަށް އެކުލަބުން އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންކަމަށާއި، މި ސީޒަންގައި އެޓީމަށް ކާމިޔަބު ހޯދައިދިނުމަށް ކުޅުންތެރިއެއްގެ ގޮތުގައި އޭނާއަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ.

"ވިކްޓްރީން ލިބުނު އޮފާރ ރަނގަޅުވީމަ ސޮއިކުރީ، ވިކްޓްރީގެ ޓީމާއި، މެނޭޖްމަންޓާއި، ސަޕޯޓަރުންނާއިއެކު ރަނގަޅު ކާމިޔާބެއް މި ސީޒަންގައި ލިބޭނެކަމަށް އުއްމީދުކުރަނީ" އިފްރާހް ބުންޏެެވެ.

މިދިޔަ ސީޒަންގައި ބީޖީގެ ކެޕްޓަންގެ ޒިންމާ އަދާކުރި އިފްރާހްވަނީ މީގެ ކުރިން ކްލަބް ވެލެންސިޔާއާއި ނިއުރޭޑިއަންޓަށްވެސް ކުޅެފައެވެ. 

ވިކްޓްރީ ކޯޗެއްގެ ގޮތުގައި އަންނަ ސީޒަންގައި ފެނިގެންދާނީ މުޙައްމަދު ނަޒީހުއެވެ. ކުރިއަށް އޮތް ސީޒަނަށް ވިކްޓްރީ ވަރުގަދަ ކުރުމުގެ ގޮތުން އެޓީމުންވަނީ އޮސްޓްރިއާގައި ކުޅޭ ދިވެހި ކުޅުންތެރިޔާ މަނީއު ރައޫފްވެސް އެޓީމަށް ގެނެސްފައެވެ.