ޚަބަރު

ގުރައިދޫ ދާއިރާ: ތިން ޕާޓީންވެސް އިތުބާރާއެކު، އިންތިޚާބު ވާދަވެރި


މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ތިން ޕާޓީންވެސް އިންތިޚާބަށް ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ފަހުދިހައިގައި ބޭއްވޭ އިންތިޚާބުގެ ކެމްޕެއިން، ފޯރީގައި ތިން ޕާޓީންވެސް ނިންމާލާފައިވާއިރު އިންތިޚާބު ވޯޓުލުން އޮންނާނީ މާދަމާއެވެ.

ގުރއިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ 3 ޕާޓީއަކުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްއާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ. ޕީޕީއެމުން ކުރިމަތިލީ، އަވަހާރަވި މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާއެވެ. އެމްޑީޕީން ވާދަކުރަނީ އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރި އިބްރާޙިމް ޝާޒްއެވެ. އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޓިކެޓް ދީފައިވަނީ އަލީ ޢާރިފަށެވެ.

އިންތިޚާބުގައި ވާދަކުރާ ތިން ކެނޑިޑޭޓުންނަކީވެސް ގުރައިދޫއަށް ނިސްބަތްވާ ތިން ކެނޑިޑޭޓުންނެވެ. ގުރައިދޫގެ މަލަމަތިން ސިޔާސީ ކުލަވަރު ފެނުނު ކަމުގައިވީނަމަވެސް ރަށު ތެރެއިން ފެނިގެންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ކެމްޕެއިން ބެނާތައް ދެމުމާއި، ފޮޓޯ ހަރުކުރުމާއި، ޕާޓީތަކުގެ ކުލަތައް ރަށު ތެރެއިން ފެންނަނީ ވަރަށް މަދުންނެވެ. ގުރައިދޫގައި ތިން ޕާޓީގެ ވާދަވެރިކަންވެސް ބޮޑެވެ. ގުރައިދޫއަށް ނިސްބަތްވާ ތިން ކެނޑިޑޭޓުންވެސް ތިބީ މާދަމާގެ އިންތިޚާބާއިމެދު ބޮޑު އުންމީދެއްގައެވެ.

ވޯޓު ކަރުދާސްތަކާއި، އިލެކްޝަންގެ އޮފިޝަލުން ގުރައިދޫ ދާއިރާއަށް:

މާދަމާ ބާއްވާ އިންތިޚާބުގައި ގުރައިދޫ ދާއިރާގެ ތިންރަށް ކަމަށްވާ ގުޅި ގުރައިދޫ، މާފުށީގެ އިތުރުން މާލޭގައިވެސް ވޯޓުލުން ކުރިއަށްދާނެއެވެ. ތިން ރަށަށް ވޯޓު ކަރުދާހާއި، ވޯޓުފޮއްޓާއިއެކު އިލެކްޝަންސްގެ އޮފިޝަލުން މިއަދު ވަނީ ގޮސްފައެވެ. އިންތިޚާބުގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ކައިރީގައި މުޅިންވެސް ހަރަކާތްތެރިވާނީ އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ގުރައިދޫ ދާއިރާގެ 3 ރަށުގެ އިތުރުން މާލޭގައި ބަހައްޓާ ވޯޓުފޮއްޓަށް، ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 3،423 މީހުންނަށެވެ. މިއިންތިޚާބުގައި ޖުމްލަ ހަ ފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. އެއީ ގުރައިދޫގައި ދެ ފޮށި، މާފުށީގައި ދެ ފޮށި އަދި ގުޅީގައި އެއް ފޮށީގެ އިތުރުން މާލެ އިއްޒުއްދީން ސްކޫލުގައި އެއް ފޮއްޓެވެ.

ރޯދަވިޔަސް، ވޯޓުލާ ގަޑިއަކަށް ބަދަލެއް ނާންނާނެ:

ރޯދަ މަހަށްވީ ނަމަވެސް ކ. ގުރައިދޫ ބައި-އިލެކްޝަނުގައި ވޯޓުލާ ގަޑިއަށް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، މިއިންތިޚާބުގައިވެސް ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

ހަވީރު ހަތަރެއް ޖެހުމާއި ހަމައަށް ވޯޓުލުން ނިމިއްޖެނަމަ އެފޮއްޓެއް ބަންދު ކުރުމަށްފަހު ބައި ގަޑިއިރުފަހުން ވޯޓު ގުނާނެކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް ކިއުގައި ގިނަ ބަޔަކު ތިބިނަމަ ވޯޓު ގުނާނީ ރޯދަ ވީއްލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓުލައިނިމި ވޯޓު ގުނުމާއި، ނަތީޖާ އިއުލާން ކުރުމާއި ހަމައަށް އިލެކްޝަންސްގެ އޮފިޝަލުން ވޯޓު ފޮށި ކައިރީގައި ތިބޭނެކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އަމާޒަކީ ވޯޓުލާނިމި، ފޮށި ކައިރިން ހާމަކުރާ ނަތީޖާ ޝީޓުތަކާއި ހުށަހެޅޭ ޝަކުވާތަކަށް ބެލުމަށްފަހު ޖެހިގެން އަންނަ ދުވަހު އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށްކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

އިންތިޚާބުގެ ކެމްޕެއިނާއި ގުޅިގެން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް އެއްވެސް ޝަކުވާއެއް ހުށަހެޅިފައިނުވެއެވެ. ކޮމިޝަންގެ އުންމީދަކީ މި އިންތިޚާބަކީ ޝަކުވާ މަދު އަދި އިންތިޚާބީ ޙައްޤުތަކަށް އުނިކަން އަންނާނޭފަދަ ކަންކަން ނުހިނގާ އިންތިޚާބަކަށް ވުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ. ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި 3 ދައުރުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި ފެބުރުއަރީ 23 ވަނަ ދުވަހުއެވެ.