ޚަބަރު

އަނަސްގެ މަރުގެ މައްސަލަ ޙުކުމާއި ހަމައަށް، މަހެއްތެރޭ ޙުކުމް އިއްވަނީ


އަނިޔާވެރިގޮތަކަށް 2017ވަނަ އަހަރުގެތޭގައި މަރާލާފައިވާރ. މީދޫ، ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާ ހުކުމާ ހަމައަށް ވާސިލުވެއްޖެއެވެ.

ސައިކަލުތަކެއްގައި އައި ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ މުހައްމަދު އަނަސް މަރާލީ 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 31 ވަނަދުވަހުގެ ރެއެވެ. އަނަސްއަށް އެ ގްރޫޕުން ހަމަލާދީފައި ވަނީ އޭނާ ފިލަން އެމަގުގައި ހުރި ލިޓަސް ގަރާޖަށް ވަނުމުން ބިންމައްޗަށް ވައްޓާލުމަށް ފަހުއެވެ. މި މާރާމާރީގައި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ހަމަލާދީފައިވާއިރު، އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލާގައި 7 މީހެއްގެ މައްޗަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލިއެވެ. އެއީ ޅ.ކުރެންދޫ އަސުރުމާގެ/ އަޙްމަދު ޒަޔާނާއި، މ.ދިމިޝްގު/ އުސްމާން ޝަރީފާއި، ސ.ފޭދޫ ވެސްޓަންވިލާ/ ހަސަން މަހްފޫޒާއި، ލ.ގަން ތުނޑި ރަންނާރި/ ޖުނައިހު ޢަބްދުﷲއާއި، ދަފްތަރު ނަމްބަރު 1746 ސިމާހްގެ މުސާ އާއި، މ.ލޮނުމިދިލިގެ/ އަފްރާހު އަބްދުލްރަހްމާނާއި، ތ.ކިނބިދޫ ގުލްފާމްގެ/ މުހައްމަދު ޝާޒްގެ މައްޗަށެވެ. އަދި މި މައްސަލާގައި ދައުލަތުން ވަނީ ކުޑަކުއްޖެއްގެ މައްޗަށްވެސް ދަޢުވާކޮށްފައެވެ. އެ ދައުވާ އުފުލުއިރު ކުއްޖާގެ އުމަރަކީ 17 އަހަރެވެ. ނަމަވެސް އެކުއްޖާގެ މައްޗަށް ކުއް ސާބިތުވެ 18 އަހަރަށް ޖަލަށް ލުމަށް މިދިޔަ އޮކްޓޯބަރު މަހު ވަނީ ހުކުމްކޮށްފައެވެ. މިމައްސަލާގައި އޭނާގެ މައްޗަށް ހުކުމްކުރި އިރު އޭނާގެ އުމުރަކީ 20 އަހަރެވެ.

އަނަސްގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޚުލާސާ ބަޔާން އިއްވައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައެވެ. އަދި ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގެ ދަށުން މި މައްސަލާގައި 30 ދުވަހުގެ ތެރޭގައި ޙުކުމް އިއްވާނެއެވެ.