ޚަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލު އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ


ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެން.އައި.އައި)އާއި ހަވާލުކުރި އެއްބަސްވުން ބާޠިލުކުރުމާއި ގުޅިގެން، ބަދަލުގެ ގޮތުގައި ދިވެހި ދަޢުލަތުން 29،018،393 (ނަވާވީސް މިލިއަން އަށާރަ ހާސް ތިންސަތޭކަ ނުވަދިހަ ތިނެއް) ރުފިޔާ ދޭން ޖެހުނުކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، ސްޕަރ ސްޕެޝަލިޓީ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކުރީ 20 ޖޫން 2017 ގައެވެ. އެން.އައި.އައި.އާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. ނަމަވެސް އެއްބަސްވެފައިވާ ޓައިމްލައިނާ އެއްގޮތަށް ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ސަބަބުންނާއި، އެންއައިއައިގެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލަތަކެއް ހައްލު ނުވުމުގެ ސަބަބުން 2017 ޑިސެމްބަރު މަހުގެ ތެރޭގައި އެ ހޮސްޕިޓަލް ހިންގުން އަލުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. އަދި އެ އެއްބަސްވުން ބާޠިލްކުރިއެވެ.

އެން.އައި.އައި.އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގި މުއްދަތުގައި ހޯދާފައިވާ މުދަލާއި ޚިދުމަތުގެ އަގު ހޯދުމަށް އެކި ފަރާތްތަކުން ހުށައަޅަފައިވާ ބިލްތަކާއި ގުޅިގެން އޮޑިޓް އޮފީހުން ނެރުނު އެސެސްމަންޓް ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުގައި އެން.އައި.އައި އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގި ދުވަސްވަރު އެ ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި، ޚިދުމަތުގެ
އަގަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 157 ބިލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހުށަހަޅާފައިވެއެވެ. މި ބިލްތަކުގެ ޖުމުލަ އަގަކީ 1،914،292 ރުފިޔާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ. އެ 157 ބިލުގެ ތެރެއިން 127 ބިލުގައިވާ 1،778،858 ރުފިޔާގެ މުދަލާއި ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ލިބުނުކަން ލިޔެކިއުމުން އެނގެންހުރިކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީކޮށް ހިންގުން ހަވާލުކުރުމަށް މިނިސްޓްރީ އޮފް ހެލްތާއި އެން.އައި.އައި.އާއި ދެމެދު ސޮއިކުރި އެއްބަސްވުން އުވާލުމަށް ހެދި ސެޓުލްމަންޓް އެގްރިމަންޓުގެ ދަށުން އެން.އައި.އައި އަށް ސަރުކާރުން ދިން މާލީ ބަދަލުގެ ތެރޭގައި އެން.އައި.އައިން ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ޚިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ނަމުގައި އެއްވެސް ފައިސާއެއް ހިމަނާފައިނުވާކަމަށެވެ. އަދި އެހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ޚިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ ދެއްކުމާގުޅޭ ގޮތުން ޢަމަލުކުރަންވީ ގޮތެއް މިނިސްޓްރީ އޮފް ހެލްތާއި، އެން.އައި.އައި އާއި ދެމެދު ސޮއިކުރި ސެޓްލްމެންޓް އެގްރިމެންޓްގައި ބަޔާންކޮށްފައިނުވާކަމަށްވެސް އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ.

އޮޑިޓް ރިޕޯޓްގައި ވަނީ އެން.އައި.އައި އިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގި ދުވަސްވަރުު އެހޮސްޕިޓަލް ހިންގުމަށް އެކުންފުނިން ހޯދާފައިވާ މުދަލާއި ޚިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިނުވާ ބިލްތަކަށް އެން.އައި.އައ އިން ފައިސާ ދެއްކުމަށް އިއުތިރާޒުކުރާނަމަ، އެ ފައިސާ ދެއްކުމަކީ މިނިސްޓްރީ އޮފް ހެލްތްގެ ޒިންމާއެއްކަމަށް އޮޑިޓް އޮފީހުން ދެކޭކެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުސްތަޤްބަލުގައި ހަދާ މިފަދަ ސެޓްލްމެންޓް އެގްރިމެންޓްތަކުގައި، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުންނަ ފައިސާ ދެއްކުމުގައި ޒިންމާވާ ފަރާތް ބަޔާންކޮށް އެފަދަ ފައިސާ ދެއްކުމުގައި ޢަމަލުކުރާނެ ގޮތް ސާފުކޮށް އެގްރިމެންޓްތަކުގައި ބަޔާންކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.