ޚަބަރު

އެފްކޮންސް ވިއްކާލިޔަަސް ރާއްޖޭގައި ހިންގާ މަޝްރޫޢުތަކެއް ނުހުއްޓޭނެ: މިޢްވާން


އެފްކޮންސް ކުންފުނި ވިއްކާލިޔަސް އެ ކުންފުނިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް ނުހުއްޓޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. އެފްކޮންސް ކުންފުނި ވިއްކާލަން އުޅޭކަމުގެ ވާހަކަ އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނިންޏަކީ ރާއްޖޭގައި މިހާރު ކުރިއަށްގެންދާ، އެންމެ ބޮޑު ދެ މަޝްރޫޢުގެ ކޮންޓްރެކްޓަރެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖާއި އައްޑޫ ސިޓީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ، އެފްކޮންސް ކުންފުންޏާ ޙަވާލުކޮށްފައެވެ. ތިލަމާލެ ބްރިޖަކީ އަގުގެ ގޮތުން 500 މިލިއަން ޑޮލަރަށްވުރެ ބޮޑު މަޝްރޫޢުއެކެވެ. އަދި އައްޑޫ ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ އަގު 77.7 މިލިއަން ޑޮލަރަށް އަރައެވެ. މިއީ ގާތްގަނޑަކަށް 9 ބިލިއަން ރުފިޔާގެ މަޝްރޫޢުއެވެ.

މީގެތެރޭގައި އިންޑިއާގެ ލައިން އޮފް ކްރޭޑިޓްއާއި، ލޯނާއި ދިވެހި ސަރުކާރުގެ ބަޖެޓުން މި މަޝްރޫޢޫތަކަށް ކުރާ ހޭދަ ހިމެނެއެވެ.

ވޭތުވެދިޔަ 2 ދުވަހު، މީޑިއާތަކުގައިވަނީ، އެފްކޮންސް ކުންފުނި ވިއްކާލަން އެ ކުންފުނިން ނިންމާފައިވާކަމަށް ވާހަކަތައް ފެތުރިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވީ، އެފަދަ ވާހަކަތަކަށް އުޅޭކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް އެ ކުންފުނިން ސަރުކާރާއެކު ޙިއްސާކޮށްފައި ނުވާކަމަށް މިޢްވާން ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، އެފްކޮންސްގެ ބެލެނިވެރި ކުންފުނިން އެ ކުންފުނި ވިއްކާލަން އުޅޭކަމުގެ ޚަބަރު، މީޑިއާތަކުން ލިބިފައިވާކަމަށެވެ. ނަމަވެސް މިކަމުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށާއި، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން، އެ ކުންފުނިތަކުގެ އެސެޓް ވިއްކާ ގަތުމަކީ ކުރާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެފްކޮންސް ވިއްކާލިނަމަވެސް، ރާއްޖޭގައި އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުއަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް މިޢްވާން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއާއެކު ހަދާފައިވާ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި، މަސައްކަތްތައް އޮތް ގޮތަށް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް ބަލަންޏާ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ރާއްޖޭގައި އޮތީ. އެކިފަހަރު އެކި ޝެއަރ ހޯލްޑަރުން ނަގައިގެން ހިންގައިފި. ވަރަށް ފަހުންވެސް އާ ކުންފުންޏަކަށް ބަދަލުވި. އެހެންނަމަވެސް އޮޕަރޭޝަނަށް ބުރޫ ނާރާ. އެފްކޮންސް ވިއްކާލި ނަމަވެސް ރާއްޖެއާއެކު އޮތް އެއްބަސްވުން އެގޮތުގައި އޮންނާނެ" މިޢްވާން ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، ތިލަމާލެ ބްރިޖްގެ މަސައްކަތްތަށް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. އެގޮތުން ސަރުކާރުން ޢަމާޒުކޮށްފައި އޮތްގޮތަށް، މިއަހަރުގެ ޑިސެމްބަރަށް ބްރިޖްގެ ބައެއް މަސައްކަތް ނިމޭނެކަމަށެވެ. މިއަހަރުގެ ޑިސެމްބަރާ ހަމައަށް، މާލެއިން ގުޅީފަޅަށް ނިންމުމަށް ސަރުކާރުގެ ސްކޯޕްގައި ވަނީ ހިމަނާފައެވެ.