ކޯޗު ސެރީނާ ވެއިގްމަންގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް އިންގްލަންޑުގެ އަންހެން ފުޓްބޯޅަ ޓީމު ބަލިވެއްޖެއެވެ.
އިންގްލަންޑްގެ އަންހެން ޓީމް ބަލިވެފައިވަނީ ކުރިއަށް އޮތް ފީފާ ވިމެންސް ވާރލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން މުބާރާތް ބާއްވާ ދެޤައުމުން ކުރެ އެއްޓީމް ކަމަށްވާ އޮސްޓްރޭލިއާ އާއެކު ކުޅުނު ރަހްމަތްތެރިކަމުގެ މެޗުންނެވެ.
ވެއިގްމަންގެ ކޯޗް ކަމުގެ ދަށުން އިންގްލަންޑް ޓީމްވަނީ ބަލިނުވެ 30 މެޗް ހަމަކޮށްފައެވެ. ލަންޑަންގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި އާންމުކޮށް އިންގްލަންޑް ޓީމްގެ ފަރާތުން ފެނިގެންދާ މޮޅު ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ. ނަތީޖާއަކަށް ވެގެންދިޔައީ މިމެޗްގައި އޮސްޓްރޭލިއާއިން އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނެގުމެވެ.
މިމެޗްގައި އޮސްޓްރޭލިއާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހާދިނީ ޗެލްސީ ވިމެންއަށް ކުޅެމުންދާ ސޭމް ކާރއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހާދިނީ ޗާލޮޓް ގްރާންޓްއެވެ. މިމެޗްގައި އިންގްލަންޑަށް ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު އެޓީމަށްވެސް ލިބިގެންދިޔައެވެ.
ޔޫރަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ކުރިއަށް އޮތް ވާރލްޑް ކަޕާއި ކުރިމަތިލާ އިންގްލަންޑް ޓީމުން ފަހަކަށް އައިސް ދައްކަމުން ގޮސްފައިވަނީ ވަރަށް މޮޅު ކުޅުމެކެވެ. މިގޮތުން ދާދިފަހުން އިންގްލަންޑުންވަނީ ޔޫރަޕްގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު މެޗްގައި ބްރެޒިލް އާއި ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެފައެވެ. އެމެޗަކީ ފަހަކަށް އައިސް ވާދަވެރި މެޗެއްގައި އިންގްލަންޑަށް އެންމެ ބޮޑު ނުރައްކަލެއް އިދިކޮޅު ޓިމުން ކުރިމަތި ކުރުވި މެޗަށްވެގެންދުޔައެވެ.
މިމެޗުން އޮސްޓްރޭލިއާ އަތުން ބަލިވުން އިންގްލަންޑުން ސިފަކުރަނީ އެޓީމުން ވާރލްޑް ކަޕާއި ކުރިމަތިލާއިރު ކޮންމެހެން ކުރިމަތިލާންޖެހިފާވި ކަމެކެވެ. އިންގްލަންޑުން ގަބޫލް ކުރާގޮތުގައި ކޮންމެވެސް ދުވަހަކުން ވެއިގްމަންގެ ކޯޗް ކަމުގެ ދަށުން ކުޅުނު ކަމުގައިވެސް ބަލިވާނެއެވެ. އެބަލި ވާދަވެރި މުބާރާތެއްގައި އައުމަށްވުރެ މިފަދަ މެޗެއްގައި އައިސް އެކަމުގެ ތަޖްރިބާއާއެކު ބޮޑު މުބާރާތަށް އިތުރަށް ތައްޔާރުވުމުގެ ފުރުސަތުލިބިގެންދިއުމަކީ ޓީމަށް ފައިދާ ކުރާނެ ކަމެކެވެ. މިކާމިޔާބީއަކީ ވާރލްޑް ކަޕަށް ތައްޔާރު ވަމުންދާ އޮސްޓްރޭލިއާއަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކާމިޔާބީއެކެވެ.