ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބެންފީކާ ބަލިކޮށް ސެމީ ފައިނަލާ ގާތަށް އިންޓަ މިލާން ޖެހިލައިފިއެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު މިމެޗް އިންޓަރއިން ކާމިިޔާބުކޮށްފައިވަނީ 2 ލަނޑު ސުންލަނޑުންނެވެ.
ބެންފީކާއިން މެޗްގެ ބޮޑުބައިކޮށްޓްރޯލް ކުރި މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބެންފީކާއިންނެވެ. ބެންފީކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އިންޓަރއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށް ބެންފީކާގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހާ އިންޓަރއަށް މިމެޗްގައި ލީޑު ނަގާދިނީ ނިކޮލާ ބަރެއްލާއެވެ. މިލަނޑާއެކު ބެންފީކާއަށް ސިހުން ލިބިގެންދިޔައިރު އެޓީމުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯވެސް ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އިންޓަރގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. މިމެޗްގައި އިންޓަރގެ ދެވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ.
މިކާމިޔާބީއާއެކު މިއަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅޭ މެޗަށް ނިކުންނައިރު އިންޓަރއަށް މިވަނީ 2 ލަނޑުގެ ލީޑަކާއެކު ފުރަތަމަ މެޗް ކާމިޔާބު ކުރެވިފައެވެ. އެހެންކަމުން ދެވަނަ ލެގާއި އެކު މިމުބާރާތުގެ ސެމީފައިނަލުން ޖާގައެއް އިންޓަރއިން ހޯދުން ގާތްކަމަށް ގިނަ ފަރާތްތަކުން ގަބޫލް ކުރެއެވެ. މިވިސްނުން ބަދަލުކުރާނަމަ ބެންފީކާއަށް ޖެހޭނީ ދެވަނަ ލެގް ރަށުން ބޭރުގައި 3 ލަނޑުގެ ތަފާތަކުން މެޗް ކާމިޔާބު ކުރާށެވެ.