ޚަބަރު

53 މިލިޔަން ރުފިޔާ ދައްކަން ޔާމީންގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ، ދަޢުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ޤާނޫނީ އިޖުރާއަތްތަކުގެ ބޭރުން ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވަނީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ. ރައީސް ޔާމީންގެ ފަރަތްޕުޅުން މިމައްސަލައިގައި ކުރި އިސްތިއުނާފުގެ އަޑު އެހުންތަކަށްފަހު މިއަދު ކުރި ހުކުމުގައި ވަނީ މައުޟޫއީ މައްސަލައިގެ ހުކުމުގައި ކުށްކޮށްގެން ހޯދި ކަމަށް ދައުލަތުން ބުނާ މުދަލާއި ފައިސާ ނެގުމަށް ހިމަނަފައި ނެތުމުން އަލުން އަމުރަކަށް އެދެވިދާނެ ޤާނޫނީ ހަމައެއް ދައުލަތަށް ބުނެދެވިފައި ނުވާކަމަށެވެ.

ހައިކޯޓުން އިއްވި ހުކުމުގައި ވަނީ އާރަށުގެ މައްސަލައިގައި ހުކުމް ކުރި ފަހުން މާފަހުގެ މަރުހަލާއެއްގައި ފައިސާ ދައްކަން އަމުރު ނެރުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށެވެ. އެއީ އިޖުރާއީ އައިބެއް ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަން އޮތީ ދައުލަތުން އެބުނާ އިޖުރާއީ އައިބެއްގެ ގޮތުގައި ނޫން ކަމަށް ހުކުމުގައި ވެއެވެ. ހައިކޯޓުގެ ހުކުމުގައި ވެސް ވަނީ ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ހުކުމަށް ދެމަސް ދުވަސްވާން އުޅެނިކޮށް ދައުލަތުން ފޮނުވި ސިޓީއަކަށް ފަހުގައިކަން ފާހަގަކޮށް، އެއީ ކޯޓުތަކުން މައްސަލަތައް ބަލަން އޮންނަ އުސޫލު ނޫންކަން ފާހަގަކޮށްފައެވެ.

ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ޝަފީއުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ. ރައީސް ޔާމީންގެ މައްޗަށް ކުރި ޖަލު ހުކުމްވެސް ހަިއ ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް އެމައްސަލައިގެ އަޑު އެހުންތައް އަދި ފަށާފައި ނުވެއެވެ.

ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަންނަން ވަނީ ނިންމާފަ

އާރަށުގެ މައްސައިގެ އިތުރުން މިއަދުވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ޚިޔާނާތުގައި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯތުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ތުހުމަތުކުރެއެވެ. މި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާކަމަށް ތުޙުމަތުކޮށްފައިވެއެވެ.

ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާމެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކުރިއެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމާއި ބައެއް ލިޔުންތައް ހޯދަން ހުށަހެޅި ހުށަހެޅުންތަކެކެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން އެނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލާގައި މިއަދު ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ ނިންމުން ބަދަލު ކުރަންޖެހޭ ޤާނީނީ އަދި ޝަރުއީ ސަބަބެއް ޔާމީންގެ ފަރާތުން ފާހަގަ ކުރެވިފައިި ނުވާކަމަށެވެ. ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.