ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 521 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަން ބަޔަކާ ޙަވާލުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރީ އިންޓަނޭޝަނަލް ޗެއިން މޯލްޑިވްސް ކުންފުންޏާއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރު 20243 ގައި ބިނާކުރާ މި މިސްކިތަކީ 11643 އަކަފޫޓުގެ ބިމެއްގައި ބިނާ މިސްކިތެކެވެ. 3 ފަންގިފިލާ ހިމެނޭ މިސްކިތުގައި 521 މީހުންނަށް ނަމާދުކުރެވޭނެއެވެ.

އެޗްޑީސީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އައި.ސީ.އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޔާޒުއެވެ. އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޢާތިފުއެވެ.

ހުޅުމާލޭ ފޭސް 2 ގައި އަލަށް މީހުން އާބާދުވެގެން އަންނައިރު، ބޭނުންވާނެ މިސްކިތްތައް ބިނާމުކުރުމުގެ ތެރެއިން، މިއަދު ސޮއިކުރެވުނު މިސްކިތް ހިމަނައިގެން ޖުމްލަ 7 މިސްކިތެއްގެ މަސައްކަތް މިހާރު އެކި ފަރާތްތަކާ ހަވާލުކޮށްފައެވެ. ީގެތެރެއިން ގިނަ މިސްކިތްތަކުގެ އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި ވަގުތީ މިސްކިތްތަކުގެ އިތުރުން ދާއިމީ މިސްކިތެއް މިހާރުވެސް ފޭސް 2 ގައި ހުރެއެވެ.

ހުޅުމާލެއަކީ އެ ތާނގައި ދިރިއުޅޭ އެންމަހާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލޭ ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ ބޭނުންތަކެއް ހިމެނިގެން ތަރައްޤީކުރެވޭ ރަށަކަށް ހެދުމަށް އެޗްޑީސީގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.