ޚަބަރު

45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ރެކޯޑްތައް ހޯއްދަވައިފި


ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ މަޢުލޫމާތުތައް މިހާރު ލިބިވަޑައިގެންފައިވާކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ވިދާޅުވެއްޖެއެވެ. ދިވެހި ދައުލަތަށް ދިގުމުއްދަތަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް ޚިދުމަތުގެ އަގުވަޒަން ކުރެވިފައި ނުވާ ބޭފުޅުންގެ ރެކޯޑްތައް ދއުލަތުން އިސްނަންގަވައިގެން ހޯއްދަވައި އެ ބޭފުޅުންގެ އަގުވަޒަން ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.

ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ރެކޯޑްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށައަޅުއްވައި، އެ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަން ކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް އިޢުލާންކުރެއްވީ، މިއަހަރު ފެބްރިއަރީގައި ބޭއްވެވި 2022 ވަނަ އަހަރުގެ "ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު" ދެއްވުމުގެ ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އެފަދަ ބޭފުޅުން އިނާމަށް ނަން ހުށައެޅުމުގައި، އެ ބޭފުޅުހުންގެ އަތްޕުޅުގައި ޚިދުމަތްތަކާބެހޭ ރެކޯޑްތައް ނެތުމުގެ ދަތިފުޅުވާކަން ފާހަގަކުރެއްވޭ ކަމަށެވެ. އެގޮތުން އެ ޝަރަފު ނޭރުވޭ ގާތްގަނޑަކަށް 70 ބޭފުޅުން އެބަތިއްބެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި، ޚިދުމަތުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ހުށަހަޅުއްވައިގެން، އެކަން ކުރިއަށް ގެންދަވަން ނިންމާވަފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޤައުމީ އިނާމު ކޮމިޓީގެ ޗެއަރޕާރސަން ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙުމަދު ވިދާޅުވީ، ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ލިސްޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރިހަމަކުރައްވާ ކޮމިޓީއާއި ހަމައަށް ނަންތަކުގެ ލިސްޓެއް ހުށައަޅުއްވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުންނާ އިންޓަވިއު ކުރުމާއި އަދި އިތުރަށް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ޤައުމީ އިނާމާބެހޭ ކޮމިޓީން ކުރަމުންދާކަމަށް ވެސް އަނީސާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކިތައް ބޭފުޅުންކަމެއް އިނާމު ކޮމިޓީން ހާމަކުރައްވާފައެއް ނުވެއެވެ.
"ރައީސް އޮފީހުން ލިސްޓް ހުށައަޅުއްވާފައިވަނީ ގިނަ މަޢުލޫމާތުތަކެއް އެއްކޮށް. އެކަށީގެންވާ ލިސްޓެއް އައިސްފައި އޮތީ. ކޮމިޓީން އިންޓަވިއުކޮށް، ޕްރޮސެސްކުރުމަށްފަހު ނިންމާނީ ކޮން ބޭފުޅުންނެއްތޯ އިނާމު ލިބިވަޑައިގަންނަވާވަރަށް ޚިދުމަތްތަކެއް ކުރައްވާފައި ވަނީ." އަނީސާ އަޙްމަދު ވިދާޅުވިއެވެ.

ދިވެހި ދަޢުލަތަށް ދިގުމުއްދަތަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ހުށައެޅުއްވުމަށް ބޭއްވި ޖަލްސާފައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އެކި އަހަރުތަކުގައި ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް އުވާލާފަވާކަމަށާއި، އެފަދަ ބައެއް އޮފީސްތައް އުވާލެވިގެން ދިޔައިރު، އެފަދަ ބޭފުޅުން ކުރެއްވި މަސައްކަތްތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތްވެސް ނެތްކަމަށެވެ.

އެކަމުގެ ސަބަބުން އެ ބޭފުޅުންގެ ނަން، އިނާމަށް ހުށައެޅުމަށް ދައުލަތުގެ މުއައްސަސާތަކަށްވެސް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ބައެއް ބޭފުޅުން އަމިއްލަފުޅަށް އިނާމަށް ނަން ހުށަހެޅުއްވުމަށް ބޭނުންފުޅުނުވުމަކީވެސް، ޤައުމީ އިނާމު ކޮމިޓީއާ ހިސާބަށްވެސް ހުށަހެޅޭ މައްސަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

"ދިވެހި ދަޢުތަކަށް ޚިދުމަތް ކުރުމުގެ އިނާމު" މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ މިނިވަންދުވަހުގެ މުނާސަބާއާއި ގުޅިގެން ބާއްވާ ރަސްމިއްޔާތުގައެވެ. ދިވެހި ދަޢުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމު މިހާތަނަށް 309 ބޭފުޅަކަށް ވަނީ އަރުވާފައެވެ.