ޚަބަރު

ޕިކަޕަކާއި ފާރަކާއި ދޭތެރޭ ފިތިގެން މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނިޔާވެއްޖެ


ރ.މަޑުއްވަރީ ޕިކަޕަކުން ޖެހި، އެ ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަސްލަމް މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:00 އެހާކަންހާއިރު ކައުންސިލް އިދާރާ ކައިރީގައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޕިކަޕެއް ފަހަތަށް ޖައްސާލި ވަގުތު، އެ ޕިކަޕް ފަހަތުގައި ހުރި މީހާއާއި ފާރަކާއި ޖެހި ފިތިގެންކަމަށެވެ. މަޑުއްވަރީ ކައުންސިލުގެ ނާއިބު ރައީސް ވިދާޅުވީ ސެކްރެޓަރީ ޖެނެރަލް މަރުވީ އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށްކަމަށެވެ.

"މިއަދު އެ އެކްސިޑެންޓު ހިނގީ ކައުންސިލްގެ ގަރާޖަށް ޕިކަޕު ވައްދަން އުޅުމުގެ ތެރޭގައި ޕިކަޕާ ފާރާ ދޭތެރޭ ތާށިވެގެން. ފުރަތަމަ އެސްޖީ ގެންދިޔައީ މިރަށު ސިއްހީ މަރުކަޒަށް. އަދި ލަސްތަކެއް ނުވެ އުނގޫފާރު ހޮސްޕިތަލަށް ގެންދެވުނު. ކައުންސިލް ރައީސްވެސް އުނގޫފާރަށް ވަޑައިގެންވި" މަޑުއްވަރީ ކައުންސިލްގެ މެންބަރަކު ވިދާޅުވިއެވެ.

އެ ރަށުން މައުލޫމާތުދިން މީހަކު ބުނިގޮތުގައި މިހާދިސާ ހިނގާފައިވަނީ ރިސޯޓަކުން އެރަށަށް ހަދިޔާކުރި ކަދުރު ފޮށިތަކެއް ބާލަން އުޅުމުގެ ތެރޭގައެވެ. އަދި މި ހާދިސާގައި ހިނގިއިރު ޕިކަޕް ދުއްވަން އިން މީހާގެ އަތުގައި މިފަދަ އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތްކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ތަހުގީޤްކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

މަޑުއްވަރީ ފެންފިޔާޒްގޭ އަޙްމަދު އަސްލަމް، އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.