ޚަބަރު

މަސްތުވާތަކެތިން ސަލާމަތްވުމަށް ދޭ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް


މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. މިމައްސަލަ ޙައްލުކުރުމަށް ނޭޝަނަލް ޑްރަގް އޭޖެންސީއަށް ބޮޑެތި ބަދަލުތަކެއްވަނީ ގެނެސްފައެވެ. އިދާރީގޮތުންނާއި ހިންގުމަށާއި ޚިދުމަތް ދެމުންއައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް އެން.ޑީ.އޭއިން ފާހަގަކުރައްވައެވެ.

އެންޑީއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނާއެކު ބޭއްވި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އެން.ޑީ.އޭގެ ބޯޑުގެ ޗެއަމަން އަދި މިނިސްޓްރީ އޮފް ހެލްތުގެ ޑިޕިއުޓީ މިނިސްޓަރ ޝަމާއު ޝަރީފް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް މިސަރުކާރުން ގެނައި އެންމެ ބޮޑު ބަދަލަކީ މަސްތުވާތަކެތީގެ މައްސަލައަކީ ސިއްޙީ މައްސަލައެއްގެ ގޮތުގައި ބަލައިގަނެ ސިއްޙީ ނަޒަރަކުން މި މައްސަލަ ބަލަން ފެށުންކަމަށެވެ. 2021 ވަނަ އަހަރު އެން.ޑީ.އޭގެ ހިންގުން ޖެންޑަރ މިނިސްޓްރީގެ ދަށުން މިނިސްޓްރީ އޮފް ހެލްތުގެ ދަށަށްވަނީ ބަދަލުކޮށްފައެވެ.

މިމައްސަލަ ޙައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ޝަމާއު ވިދާޅުވީ، މަސްތުވާތަކެއްޗަށް ފަރުވާދިނުމަށް ރާއްޖޭގައި ގާތްގަނޑަކަށް 30 ހަކަށް އަހަރުވަންދެން ޚިދުމަތް ދެމުން އައީ 200 އެއްހާ ޑޯޒްގެ ބޭހާއެކުގައިކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މި މައްސަލަ އޮތް ނިސްބަތުން ބޭސް އިތުރުކުރަންޖެހޭކަން ޤަބޫލުކޮށް މިވޭތުވެދިޔަ 4 އަހަރު ކުރެވުނު މަސައްކަތުން ރާއްޖެއަށް ޚާއްސަކޮށް އުފައްދާ ބޭހުގެ ނިސްބަތް 2000 ޑޯޒަށް އިތުރުކުރެވިފައިވާކަން ޝަމާއު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އޮތް މިންވަރަށް ބަލާއިރު ފަރުވާ ދިނުމުގައި ބޭނުންވާ އިންސާނީ ވަޞީލަތް ވަރަށް ބޮޑަށްވެސް މަދުކަން ޝަމާއު ފާހަގަކުރެއްވިއެވެ. މަސްތުވާތަކެތީގެ ފަރުވާގައި ހިމެނޭ އެޑިކްޝަންއަށް ޚާއްސަ ފަރުވާއަށް ބޭނުންވާ ކައުންސިލަރުންނަކީ މުހިއްމު ބައެކެވެ. އެހެންނަމަވެސް ރާއްޖޭގައި މިވަގުތު މިފަދަ ހުރީ އެންމެ ކައުންސިލަރެއްކަމަށް ޝަމާއު ވިދާޅުވިއެވެ. ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކުން ގިނަ ޢަދަދެއްގެ ދަރިވަރުން ސައިކޮލޮޖީ ކިޔަވަމުންދާކަން ފާހަގަކޮށް އެކުދިން ޚިދުމަތަށް ނުނިކުންނަ ސަބަބު ނޫސްވެރިންވަނީ އޮޅުންފިލުވާފައެވެ.

ޝަމާއު ވިދާޅުވީ، އެޑިކްޝަންއަށް ބޭނުންވާ ސްކޯލަރޝިޕަށް ހުޅުވާލުމުން ކުރިމަތިލި 2 މީހަކު ރާއްޖެއިން ބޭރުން ކިޔަވުން ފުރިހަމަ ކުރަމުންދާކަން ޝަމާއު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ކިޔަވައިދޭއިރު އެޑިކްޝަންއަށް ޚާއްސަ ބައެއް އަދި ސިލަބަހުގައި ނެތުމުން ރާއްޖެއިން ކިޔަވާ ކުދިންނަށް މިއީ މުޅި އައު ދާއިރާއަކަށް ވެގެންދާކަމަށެވެ. އެހެންކަމުން ރާއްޖޭގައި ސައިކޮލޮޖީ ކިޔަވައިދިނުމުގައި އެޑިކްޝަންގެ މިބަޔަށް އިސްކަންދީ ސިލަބަހުގައި ހިމަނައި ދިނުމަށް އެދި ޔުނިވަރސިޓީއާއި ކޮލެޖްތަކާއެކު މިހާރު މަޝްވަރާކުރަމުންދާކަމަށް ޝަމާއު ވިދާޅުވިއެވެ.

ޝަމާއުވަނީ މިދާއިރާއަށް ޚާއްސަ ބަޖެޓެއް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ކަނޑައާޅާފައިވާއިރު، އެބަޖެޓުގެ ބޭނުން މީގެކުރިން ކުރަމުންދިޔައީ އެންމެ ރަނގަޅުގޮތުގައި ނޫންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ކ. ހިންމަފުށީގައި ހިންގަމުން އަންނަ އެން.ޑީ.އޭގެ މަރުކަޒުގައި ކުނިއުކުމަށް އެކަނިވެސް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރަމުން ދިޔަކަން ޝަމާއު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަސްތުވާތަކެތިން ސަލާމަތްވުމަށް އެދޭ މީހުންނަށް އެހީވުމަށް ތިބި މީހުންނަށްވުރެ އިދާރީ މުވައްޒަފުން އެތައް ތަނަކުން އިތުރުކަން ފާހަގަކުރައްވާ އެމައްސަލަވެސް މިހާރު ޙައްލުކުރެވިފައިވާކަން ޝަމާއު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް އެން.ޑީ.އޭގެ 11 މަރުކަޒެއްގައި ފަރުވާ އަންނަނީ ދެމުންނެވެ. މިގޮތުން މައި މަރުކަޒުގެ ގޮތުގައި ހިންމަފުށީގައި ޚިދުމަތްދެމުން އަންނަ މަރުކަޒުގައި 172 މީހުންގެ ޖާގަ ހުރިއިރު، އައްޑޫ ސިޓީ ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މަރުކަޒުގައި 60 މީހުންނަށް ފަރުވާދެވޭނެ އިންތިޒާމުވަނީ ޤާއިމުކޮށްފައެވެ.

ފަރުވާގެ ނިޒާމަށް ގެނެވުނު ބަދަލާއެކު މަސްތުވާތަކެތިން ސަލާމަތްވުމަށް އެދޭ ކޮންމެ މީހަކަށްމެ އެފުރުޞަތު އޮތްކަން އެން.ޑީ.އޭއިން ފާހަގަކުރައްވައެވެ. އެގޮތުން ވަކި ތަނެއްގައި ބަންދުކޮށްގެން ދެވޭ ފަރުވާއެއް ނޫންކަމާއި، މިއީ އަމިއްލައަށް އެދިގެން ހޯދަންޖެހޭ ފަރުވާއެއްކަމަށްވުމުން އަމިއްލަ ގޭގައި ހުރެގެންވެސް އެން.ޑީ.އޭގެ އެހީތެރިކަމާއެކު ފަރުވާ ހޯދޭނެ މަގު މިހާރު ފަހިވެފައިވާކަން އެން.ޑީ.އޭއިން ފާހަގަކުރައްވައެވެ. އެހެންނަމަވެސް މިކަން ކާމިޔާބުވުމުގައި ޢާއިލާއާއި މުޖުތަމަޢުގެ އެހީވެސް ސަލާމަތްވުމަށް އެދޭ މީހުންނަށް ބޭނުންވާކަން އެ އެޖެންސީއިން ފާހަގަކުރައްވައެވެ.