ދުނިޔެ

ގްރީސްގައި ހުންނަ އޮސްޓްރިއާ އެމްބަސީ ކުރިމަތީގައި މުޒާހަރާކޮށްފި


ވިލާތުގެ ބައްރަށް ހިޖުރަކުރާ ރެފިއުޖީންގެ އަދަދު ވަކިމިނެއްގައި ހިފެހެއްޓުމަށް އޮސްޓްރިއާއިން ނިންމި މިންމުމާއި މެދު ހިތްހަމަނުޖެހުންފާޅުކޮށް ގިނަ ބަޔަކު ގްރީސްގެ އެތެންސްގައި ހުންނަ އޮސްޓްރިއާ އެމްބަސީގެ ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

ގާތްގަނޑަކަށް 300 މީހުން ބައިވެރިވި މުޒާހަރާގައި ގްރީސްގެ އާންމު ރައްޔިތުންގެ އިތުރުން ރެފިއުޖީންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ވޮލަންޓިއަރުން ބައިވެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން ބުނީ އޮސްޓްރިއާގެ ނިންމުމުގެ ސަބަބުން ގްރީސަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި، މިއީ ގްރީސް އެކަހެރި ކޮށްލުމަށް ނިންމި ނިންމުމެއް ކަމަށްވެސް ބައިވެރިން ވަނީ ބުނެފައެވެ.

ވިލާތަށް އެތެރެވާ ރެފިއުޖީންގެ މައްސަލައިގައި އޮސްޓްރިއާ އިން ވަނީ ބޯލްކަން ސަރަހައްދުގެ ޤައުމުތަކުގެ މިނިސްޓަރުންގެ ފެންވަރުގެ ބައްދަލުވުމެއް ބާއްވާފައެވެ. ނަމަވެސް، މި ބައްދަލުވުމަށް ގްރީސަށް ދައުވަތު އަރުވާފައި ނުވުމުގެ ސަބަބުން އެކަމާއި މެދު ގްރީސް އިން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.