ޚަބަރު

ޞަފާ ޢުމްރާވެރިން ފުރުން އަންގާރަ ދުވަހު މެންދުރު


އައްޞަފާ ޕްރައިވެޓް ލިމިޓެޑްގެ ޢުމްރާވެރިން ފުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 12:00 ޖަހާއިރު އޮންނަ ޚާއްސަ ފްލައިޓަކުންކަމަށް އެ ގްރޫޕުން ބުނެފިއެވެ.

ޞަފާ ގްރޫޕް މެދުވެރިކޮށް ޢުމްރާގެ އަޅުމަށް ދިއުމަށް 181 މީހުން ފައިސާދައްކާފައިވެއެވެ. މިމަހުގެ 6 ވަނަ ދުވަހު ފުރަން ތައްޔާރުވެފައި ވަނިކޮށް، ދަތުރު ހުއްޓާލީ ފަހުވަގުތާ ހަމައަށްވެސް ވިސާ ހަމަނުޖެހިގެންނެވެ.

ޞަފާ ގްރޫޕުން ބުނެފައިވަނީ ޢުމްރާވެރިން ފުރުމުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ރަމަޞާންމަހުގެ 20 ވަނަ ދުވަސްކަމުގައިވާ، އަންނަ އަންގާރަ ދުވަހު ފުރުމުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

ޢުމާވެރިން ސަޢުދީއަށް ދަތުރުކުރުމަށް އޮމާންގެ "ސަލާމް އެއަރ"ގެ ފްލައިޓެއް ޗާޓަރ ކޮށްފައިވާކަމަށް އެ ގްރޫޕުން މަޢުލޫމާތުދެއެވެ. އަދި ދަތުރުގެ އެހެނިހެން ހުރިހާ އިންތިޒާމްތައްވެސް މިހާރު ހަމަޖައްސާފައިވާކަމަށް އެ ގްރޫޕުން ބުނެއެވެ. އެގޮތުން ވިސާއާއި، ޓިކެޓް ހަމަޖެހި، ސަޢުދީގައި ތިބުމާއި އަޅުކަމާއި ގުޅޭ ހުރިހާ އިންތިޒާމްތަކެއްވެސް ހަމަޖައްސާފައިވާކަމަށެވެ.

ޞަފާ ގްރޫޕުން ބުނެފައިވަނީ މިފަހަރު އެފަދަ މައްސަލައެއް ދިމާނުވާނެހެން، ގްރޫޕްގެ ފަރާތުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ. ފުރުމުގެ އިންތިޒާމްތައް އެ ގްރޫޕްގެ ޢުމްރާވެރިންނާ ވަނީ ޙިއްސާކޮށްފައެވެ.

ވިސާ ހަމަނުޖެހުމުގެ ސަބަބުން މިއަހަރުގެ ރަމަޞާންމަހަށް ތާވަލްކުރި ޢުމްރާ ދަތުރު ކެންސަލްކުރިކަމަށްވެސް އެ ގްރޫޕުން މިދިޔަ ހުކުރު ދުވަހު ބަޔާނެއް ނެރުނެވެ. ނަމަވެސް ދަތުރު ކެންސަލްނުކޮށް، ވީހާވެސް އަވަހަށް ދަތުރު ހަމަޖައްސާ ޢުމްރާވެރިން ފުރުވާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރސްއިން އެ ގްރޫޕަށް އެންގިއެވެ. މި މައްސަލައިގައި ކަންހިނގައިދިޔަ ގޮތް މިނިސްޓްރީންވެސް އަންނަނީ ގާތުން ބަލަމުންނެވެ.

ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ، ޢުމްރާވެރިންނަށް ނުފުރުނީ ސަޢުދީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫންކަމަށެވެ. އަދި ޢުމްރާ ވިސާއަކީ 3 މަސްދުވަހަށް ދުރާލާ ލިބޭ އެއްޗަކަށްވާއިރު، ކުންފުނިން އެގޮތަށް ހަމަޖައްސާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޢުމްރާ ވިސާއަކީ ސަޢުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެޖެންސީތަކުން ޢުމްރާ ކުންފުނިތަކަށް ދޭ ޚިދުމަތެކެވެ. އެގޮތުން މި ވިސާއަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންވެސް ފޯރުކޮށްދޭ ޚިދުމަތެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް މައްސަލަ ދިމާވީ ޞަފާ ގްރޫޕުން ވިސާ ހަމަޖެއްސުމަށް މަސައްކަތްކުރި ސަޢުދީގެ އެޖެންޓުން އެކަން ހަމަޖައްސާފައިނުވާތީކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިފަދަ މަތިވެރި އަޅުކަމަކަށް ދިއުމަށް ފައިސާ ދައްކާ، ފުރަން އޮންނަ ދުވަހަށް، ދަތުރުވެރިނަން ފުރޭގޮތް ނުވުމަކީ މިނިސްޓްރީން ކަންބޮޑުވާ ކަމެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުން "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު"އާއި އެއްގޮތަށް ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.