ޚަބަރު

ދެ ޙަރަމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަ އިންތިޒާމްތަކެއް


މަސްޖިއްދުލް ޙަރަމަކީ މިބިންމަތީގައިވާ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު މިސްކިތެވެ. ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މަސްޖިދުލް ޙަރަމަށް ޒިޔާރަތްކުރާ މާތްﷲގެ މެހެމާނުންނަށްޓަކައި އެމިސްކިތް ޒީނަތްތެރިކޮށް މިސްކިތުން ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަޢުދީ ސަރުކާރުން ހުރިހާ ޒަމާނެއްގައިވެސް މަސައްކަތްކުރެއެވެ.

މިގޮތުން ކުރާ މަސައްކަތުގައި އެމިސްކިތައް ޒިޔާރަތްކުރާ މާތްﷲގެ މެޙުމާނުންގެ ތެރޭގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް ލިބޭނެ އިންތިޒާމުތަކަކީ ދެޙަރަމުގެ ވެރިން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ.

މިއަހަރުގެ ރަމަޟާން މަހު ޢުމްރާގެ އަޅުކަން އަދާކުރުމަށް މަސްޖިދުލް ޙަރަމަށް ޒިޔާރަތްކުރަމުންދާ ޢުމްރާވެރިންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، ޢުމުރުން ދުވަސްވުމުގެ ސަބަބުން ގިނަ މީހުންގެ ތެރޭގައި ހިނގާބިނގާވުމަށް ދަތިވާ މީހުންނަށް ޚާއްސަ އެތައް ޚިދުމަތެއްވަނީ ޤާއިމުކޮށްފައެވެ.

މިގޮތުން ހިނގާބިނގާވެ އުޅުމަށް ދަތިވާ ފަރާތްތަކަށް ބޭނުންވާ ފުރޮޅުލީ ގޮނޑި ލިބޭނެ އިންތިޒާމު ފަސޭހައިން ހަމަޖެއްސުމަށް ވަކި ޚާއްސަ އޮފީހެއްވަނީ ޤާއިމުކޮށްފައެވެ. ޙަރަމްފުޅުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގެ ތެރެއިން އާދައިގެ ފުރޮޅުލީ ގޮނޑީގެ އިތުރުން އިލެކްޓްރިކް ގޮނޑީގެ ޚިދުމަތްވެސް އަންނަނީ ދެމުންނެވެ.

ފުރޮޅުލީ ގޮނޑީގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ދާމީހުންނަށް ޚާއްސަ ބައެއް ސަރަޙައްދުތައްވަނީ ކަނޑައަޅާފައެވެ. ފުރޮޅުލީ ގޮނޑީގައި ޙަރަމްފުޅުގެ ތެރޭގައި ސިޑިތައް ޤާއިމުކޮށްފައިވާ ސަރަޙައްދުތަކުގައި "ރޭމްޕް"ތަކާއި "އެސްކެލޭޓަރ" ޤާއިމުކޮށް ފުރޮޅުލީ ގޮނޑީގައި ޙަރަމްފުޅުގެ ތެރޭގައި ދަތިކަމަކާއި ނުލާ އުޅެވޭނެ އިންތިޒާމުތައްވަނީ ހަމަޖައްސާފައެވެ.

ޙަރަމްފުޅުގައި ނަމާދުކުރާ ގަޑިތަކަކީ ގިނަ ސަރަޙައްދުތައް ބަންދުކޮށް ސެކިއުރިޓީ ވަރުގަދަވާ ޚާއްސަ ވަގުތުތަކެކެވެ. ފަރުޟު ނަމާދުތައް ފެށުމަށްފަހު މިސްކިތްތެރޭގައި ހިނގާ ހެދުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންކަމުން ނަމާދު ގަޑިތަކުގައިވެސް ފުރޮޅުލީ ގޮނޑީގައި ތިބޭ ފަރާތްތަކަށް ދަތިނުވާނެހެން ވަކި ޚާއްސަ ސަރަޙައްދެއް އެފަދަ މީހުން ނަމާދުކުރުމަށްވަނީ ހަމަޖައްސާފައެވެ.

މިގޮތަށް ހަމަޖައްސާފައި ހުންނައިރުވެސް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމުތައްވަނީ ހަމަޖައްސާފައެވެ. ފުރޮޅުލީ ގޮނޑީގައިތިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ޚާއްސަ މުވައްޒަފުން ޙަރަމްފުޅުގައި ޙަރަކާތްތެރިވެއެވެ.

ޙަރަމްފުޅަށް ޒިޔާރަތްކުރާ މީހުންގެ ތެރޭގައި އެކިބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބެއެވެ. އެހެންކަމުން މަސްދިޖުލް ޙަރަމްގެ 3 ސަރަޙައްދެއް އެފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވަނީ ޚާއްސަކޮށްފައެވެ. އޭގެ ތެރޭގައި ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންގެ އިތުރުން އަޑުއިވުމުން މަޙުރޫމްވެފައިވާ މީހުންނާއި ލޮލަށް ފެނުމުން މަޙްރޫމްވެފައިވާ މީހުންނަށް ޚާއްސަ ސަރަޙައްދުތައް ހިމެނެއެވެ.

ފުރޮޅުލީ ގޮނޑީގައި ތިބޭ މީހުންނަށް މަސްޖިދުލް ޙަރަމަށް ވަދެވޭނެ ފަސޭހަ އިންތިޒާމު ފަހުދު ރަސްގެފާނުގެ ޚާއްސަ ފަޅިން މަސްޖިދުލް ޙަރަމްގެ 68 ވަނަ ގޭޓުގައިވަނީ ހަމަޖައްސާފައެވެ. އަދި އަޑުއިވުމުން މަޙުރޫމްވެފައިވާ މީހުންނަށް ޚާއްސަ ހޭޓެއްގެ ގޮތުގައި "ކިންގ ފަހުދު ގޭޓް"ގެ ގޮތުގައި މަޝްހޫރު ގޭޓު، 93ގައި ވަނީ ޤާއިމުކޮށްފައެވެ.

ހަމައެއާއެކު މިފަދަ ފަރާތްތަކަށް ފަސޭހަ ކުރުމަށްޓަކައި ޚާއްސަ ނިޝާންތައް މިސްކިތުގެ އެކި ސަރަޙައްދުތަކުގައިވަނީ ހަރުކޮށްފައެވެ. އަދި ޙައްޖާއި ޢުމްރާގެ އަޅުކަން އެމީހުންގެ ނުކުޅެދުންތެރިކަމާއެކުވެސް ހިތްހަމަޖެހިގެން ކުރެވޭނެ އިންތިޒާމުތައް ޙަރަމްފުޅުގައިވަނީ ޤާއިމުކޮށްފައެވެ.

މަސްޖިދުލް ޙަރަމަށް ޒިޔާތްކުރާ ޙައްޖާއި ޢުމްރާވެރިންގެ ތެރެއިން ޢުމުރުން ދުވަސްވީ މީހުންނަށް ފަސޭހައިން އަޅުކަން އަދާކުރެވޭނެހެން މަސްޖިދުލް ޙަރަމްއިންވަނީ އިލެކްޓްރިކް ވެހިކަލްތަކެއް ތަޢާރަފްކޮށްފައެވެ. މަސްޖިދުލް ޙަރަމްގެ ބޮޑުކަމާއި މިސްކިތުގައި މީހުން ގިނަވާ ގަޑިތަކުގައި ޢުމުރުން ދުވަސްވީ މީހުންނަށް މިސްކިތުގައި އުޅުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. ޙަރަމްފުޅުތެރޭގައި ގެއްލުމާއި އޭގެ ނުތަނަވަސްކަން ދުރުކޮށް ހިތްހަމަޖެހިގެން އެފަރާތްތަކަށް އަޅުކަން ކުރެވޭނެ މަގު މީގެ ސަބަބުން ފަހިވެގެންދެއެވެ.

މާތްﷲގެ އަޅުތަކުންނަށް ފަސޭހަ އިންތިޒާމުތައް ޙަރަމްގައި ޤާއިމުކުރުމަށް އެތައް މަސައްކަތެއް އަންނަނީ ކުރަމުންނެވެ. އަހަރުން އަހަރަށް ޙައްޖާއި ޢުމްރާގެ މަތިވެރި އަޅުކަމަށް ދާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން އެއާއި އެއްވަރަށް ޙަރަމްފުޅު އުމްރާނީ ގޮތުން ތަރައްޤީކޮށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ދެޙަރަމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.