ޚަބަރު

ތޫނިސް ކައިރިއަށް ބޯޓެއް ފެތި 20 މީހުން ގެއްލިއްޖެ


އެފްރިކާ ބައްރުގެ އުތުރުގައި އޮންނަ ތޫނިސްގެ ޞަފާޤިސް ޕުރޮވިންސުގެ އައްސޭރިފަށަށް ބޯޓެއް ފެތުމުގެ ސަބަބުން ކަނޑުވި 20 މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އެ ބޯޓުން ކަނޑުވި މީހުންގެ ތެރެއިން އިތުރު 17 މީހަކު ސަލާމަތްކޮށްފައިވާ ކަމުގައި ޞަޤާފިސް ކޯޓުގެ ޣާޒީ ފަޢުޒީ މަސްމޫސްދީ ވިދާޅުވިއެވެ.

ތޫނިސްގެ ކޯސްޓްގާޑުން ސަލާމަތްކުރި 17 މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިޔަސް ކަމަށާއި، އެ މީހުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމުގައި ޞަޤާފިސްގެ އޮފިޝަލުން ވިދާޅުވެއެވެ. އެ ބޯޓު ފެތިފައި ވަނީ މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޤަވާޢިދާ ޚިލާފަށް ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރަން މަސައްކަތްކުރި ބަޔަކު ގޮވައިގެން ދަތުރުކުރަމުން ދަނިކޮށެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި މި ފަދަ ގިނަ ޢަދަދެއްގެ ބޯޓުތަކެއް މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ކަނޑުވެފައިވެއެވެ. އެ ބޯޓުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ކަނޑަށް ގެއްލިފައެވެ. އަދި ގިނަ ޢަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. ތޫނިސްއަކީ އެފްރިކާއާއި މެދުއިރުމަތީގެ ޤައުމުތަކުގެ ރެފިޔުޖީން ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރުމަށް މިހާރު ޢާންމުކޮށް ބޭނުންކުރަމުން އަންނަ މަގެކެވެ. މި ގޮތަށް ކުރިން ބޭނުން ކުރަމުން ގޮސްފައި ވަނީ ލީބިޔާއެވެ.

މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި މި ގޮތަށް ހިޖުރަކުރަން މަސައްކަތް ކުރި 14,000 އަށްވުރެ ގިނަ ރެފިޔުޖީން ހުއްޓުވާފައިވާނެ ކަމުގައި ތޫނިސްގެ ކޯސްޓްގާޑުން ބުނެއެވެ. އޭގެ ތެރޭގައި ގިނައީ އެފްރިކާ ބައްރުގެ ޤައުމުތަކަށް ނިސްބަތްވާ ރެފިޔުޖީންނެވެ. މިއީ، ހުސްވި 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ފަސް ގުނަ އިތުރު ޢަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ތޫނިސްގެ ކޯސްޓްގާޑުން ވަނީ މިފަދަ 501 އުޅަނދު ހުއްޓުވާފައެވެ. އެ އުޅަނދުތަކުގައި 14,406 ރެފިޔުޖީން ދަތުރުކުރިއެވެ. އޭގެ ތެރެއިން 13,138 މީހުންނަކީ އެފްރިކާގެ ޤައުމުތަކަށް ނިސްބަތްވާ މީހުން ކަމުގައި ކޯސްޓްގާޑުން ބުނެއެވެ. މީގެ ތެރެއިން ގިނަ އުޅަނދުތައް ފުރާފައި ވަނީ ޞަފާޤިސާއި މަޙްދިއްޔާ ޕުރޮވިންސުންނެވެ. އެ ދެ ޕުރޮވިންސާއި އިޓަލީވިލާތުގެ ލަމްޕެދޫސާއާ ދެމެދު އޮންނަނީ ގާތްގަނޑަށް 150 ކިލޯމީޓަރުގެ ކަނޑުގެ ސަރަޙައްދެކެވެ.

އިޓަލީވިލާތަށް ހިޖުރަކުރާ އެފްރިކާގެ ރެފިޔުޖީންގެ ޢަދަދުތައް އިތުރުވެފައި ވަނީ ތޫނިސްގެ އިޤުތިޞާދީ ހާލަތާ ގުޅިގެން ކަމުގައި އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖިޔޯ މެލޯނީ ވިދާޅުވިއެވެ. އަދި، އެ ޤައުމަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ހާލަތުން ސަލާމަތް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އާއި ވިލާތުގެ އެހެން ޤައުމުތަކަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.

ތޫނިސްގެ ސަރަޙައްދީ ރޮނގު ބެލެހެއްޓުމަށް އިތުރު ފައިސާއާއި ސާމާނު ބޭނުންވާ ކަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ނަބީލް ޢައްމާރު ވެސް ވަނީ ވިދާޅުވެފައެވެ. ތޫނިސްގެ ސަރަޙައްދީ ރޮނގާއި އައްސޭރިފަށް ބެލެހެއްޓުމަށް ބޭނުންވާ ސާމާނު އިޓަލީވިލާތުން މީގެ ކުރިން ވެސް އެ ޤައުމަށް ފޯރުކޮށްދީފައިވެއެވެ. ނަމަވެސް، އެއީ ވަރަށް ދުވަސްވެ، ބައުވެފައިވާ ސާމާނުތަކެއް ކަމުގައި ޢައްމާރު ވިދާޅުވިއެވެ.