އިޓާލިއަން ސެރީއާގައި ނަޕޯލީ އާއި ލެއްޗެ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމާއި ނަޕޯލީއިން އިތުރަށް ގާތަށް ޖެހިލައިފިއެވެ.
ލެއްޗެގެ ދަނޑުގައި ކުޅުނު މިމެޗް ނަޕޯލީން ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.
ނަޕޯލީގެ އެންމެ މޮޅު ކުޅުން މިމެޗްގައިވެސް ފެނިގެން ނުދިޔަ ނަމަވެސް އެޓީމުންވަނީ މިމެޗްގެ ބޮޑުގައި ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް މިމެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ލެއްޗެއިންނެވެ. ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި ގިނަ އަހަރު ތަކެއް ވަންދެން ލީގު ކާމިޔާބު ކުރެވިފައި ނެތުމުން ސީޒަން ނިމެން ދާވަރަކަށް އެކަމުގެ ޕްރެޝަރުގެ އަސަރު ކުޅުންތެރިންނަށް ކުރަނީއެވެ.
މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހާ މިމެޗްގެ ލީޑު ނަގާފައިވަނީ ނަޕޯލީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ގިއޮވާނީ ޑި ލޮރެންޒޯއެވެ. ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް މެޗްގެ 52 ވަނަ މިނެޓްގައި ފެޑެރީކޯ ޑި ފްރަންސެންކޯ ޖަހާދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ.
މި މެޗުން ނަޕޯލީ މޮޅުވި ލަނޑަކީ މެޗްގެ 64 ވަނަ މިނެޓްގައި ލެއްޗެގެ ޑިފެންޑަރ އެންޓޯނިއޯ ގާލޯ މެއިން ކީޕަރަށް ޖައްސާލި ބޯޅައެއް ކީޕަރއަށް ކޮންޓްރޯލް ނުވެގެން ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ލެއްޗެއިން ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ނަޕޯލީއިން ވަނީ އިތުރު ލަނޑެއް ބައިކޮޅަށް ވަނަނުދީ ހިފަހައްޓާލާފަ އެވެ.
މި ކާމިޔާބީއާއެކު ނަޕޯލީއަށް މިހާރު ވަނީ ކުޅުނު 29 މެޗުން 74 ޕޮއިންޓް ލިބިފައެެވެ. އަދި ދެވަނައިގާ އުޅޭ ލާޒިއޯއަށް ލިބިފައިވަނީ 28 މެޗުން 55 ޕޮއިންޓެެވެ. އެހެން ކަމުން މިހާރު ތާވަލްް އޮތް ގޮތުން ނަޕޯލީއަށް ބާކީ އޮތް 9 މެޗުން ބޭނުންވަނީ 8 ޕޮއިންޓެވެ. ނަމަވެސް ފަހަތަށް ތިބި ޓީމްތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން ލީގު ކާމިޔާބު ކުރެވުމަކީ އެކަށީގެންވާކަމެކެވެ.