ކުޅިވަރު

ވެޓެރަންސް ލީގު: ގްރީން އަތުން އެމްއެސް މޭޓްސްއަށް ފަސޭހަ މޮޅެއް


ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގު 2023" ގައި ކުލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު މޯލްޑިވްސް ސޮކަ މޭޓްސްއިން ކާމިޔާބުކޮށްފިއެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު ގްރޫޕް ސީގެ މި މެޗު އެމްއެސް މޭޓްސްއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، މި ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ހިލޭ ޖެހުމަކުން ތަޖުރިބާކާރު ފޯވަޑް އާދަމް ލަރީފް (ރޮނާ) ވަނީ އެމްއެސް މޭޓްސްއަށް ލީޑު ނަގައިދީފައެވެ.

އަދި މެޗުގެ 44 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން އެމްއެސް މޭޓްސްގެ އަބްދުﷲ ޒުބައިރަށް ގްރީން ސްޓްރީޓްސްގެ އަސްލަމް ރަހާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި މެޗުގައި އެމްއެސް މޭޓްސްއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި ޖަހައިދިނީ އަޙްމަދު މުޙައްމަދު (އަންމަޑޭ) އެވެ.

މި މޮޅާއެކު ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައި އެމްއެސް މޭޓްސް އުޅެނީ ގްރޫޕް ސީގެ އެއްވަނައިގައެވެ. މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެމްއެސް މޭޓްސް ވަނީ ހުއްރިއްޔާއާ އެއްވަރުވެފައެވެ.

ޖުމްލަ 11 ޓީމާއެކު މި އަހަރުގެ ވެޓެރަންސް މުބާރާތް ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.