ޚަބަރު

ޞަފާ ގްރޫޕުގެ ޢުމްރާވެރިންނަށް ނުފުރުނު މައްސަލަ ބަލަނީ


އައްޞަފާ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް މިއަހަރު ރަމަޞާން މަހު ޢުމްރާއަށް ދިއުމަށް ފައިސާ ދެއްކި މީހުންނަށް ނުފުރުނު މައްސަލައިގައި، ކަން ހިނގާދިޔަގޮތް ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ، މި މައްސަލަ ދިމާވެފައި ވަނީ ސަޢުދީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫންކަމަށެވެ. އަދި ޢުމްރާ ވިސާއަކީ 3 މަސްދުވަހަށް ދުރާލާ ލިބޭ އެއްޗަކަށްވާއިރު، ކުންފުނިން އެގޮތަށް ހަމަޖައްސާފައި ނުވާކަމަށެވެ.

މިނިސްޓްރިއިން ވިދާޅުވީ، ޢުމްރާ ވިސާއަކީ ސަޢުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެެޖެންސީތަކުން ޢުމްރާ ކުންފުނިތަކަށް ދޭ ޚިދުމަތެއްކަމަށެވެ. އެގޮތުން މި ވިސާއަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންވެސް ފޯރުކޮށްދޭ ޚިދުމަތެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެ ކުންފުނިން ވިސާ ހޯދަން އެދުނު ސަޢުދީ އެޖެންސީއިން މިހާތަނަށް ވިސާގެ ކަންކަން ހަމަޖެހިފައި ނުވާކަމަށް އެ ކުންފުނިން ބުނެފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިފަދަ މަތިވެރި އަޅުކަމަކަށް ދިއުމަށް ފައިސާ ދައްކާ، ފުރަން އޮންނަ ދުވަހަށް، ދަތުރުވެރިނަން ފުރޭގޮތް ނުވުމަކީ މިނިސްޓްރީއިން ކަންބޮޑުވާ ކަމެއްކަމަށް މި ބަޔާނުގައިވެއެވެ.

ޢުމްރާވެރިންގެ އަތުން އިތުރު ފައިސާއެއް ނެގުމާނުލާ ލަސްނުކޮށް ވީހާވެސް އަވަހަށް، މި ރަމަޞާން މަހުގެ ޢުމްރާ ދަތުރަށް ފުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީއިން އެ ކުންފުންޏަށް ވަނީ އަންގާފައެވެ. މި މައްސަލައިގައި ކަން ހިނގާދިޔަގޮތް މިނިސްޓްރީއިން ދަނީ ބަލަމުންނެވެ.

ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީއިން ހުއްދަ ދީފައިވާ ކުންފުނިތަކުން "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު"އާއި އެއްގޮތަށް ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޞަފާ ގްރޫޕުން އުމްރާއަށް ދާ މީހުން ފުރުމަށް ހަމަޖެހިފައި އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. ނަމަވެސް ވިސާ ނުލިބި ނުފުރޭކަން އެންގީ، ފުރަން ވަރަށް ވަގުތު ގާތްވެފައިވަނިކޮށެވެ. އެ ގްރޫޕްގެ މި ޢަމަލާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.