އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޗެލްސީގެ ކޯޗުކަން ވަގުތީ ގޮތުން ފްރޭންކް ލަމްޕާޑާ ހަވާލުކުރަން އެ ކުލަބުން ނިންމައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި މިފަހަރުގެ ސީޒަން ނިމެންދެން ޗެލްސީގެ ކޯޗަކަށް ހުންނާނީ ލެމްޕާޑްއެވެ.
ޗެލްސީއަށް ގިނަ އަހަރު ދަކެއް ވަންދެން ކުޅެ ގިނަ ކާމިޔާބީތަކެއް ކުޅުންތެރިއެއްގެގޮތުގައި ހޯދާފައިވާ ލެމްޕާޑްވަނީ ޗެލްސީގެ ކޯޗްކަން 2019 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖެނުއަރީ އާހަމައަށް ކޮށްފައެވެ. އެފަހަރު ނަތީޖާތައް ގޯސްވުމުގެ ސަބަބުން މަގާމުން ވަކިކޮށް އެމަގާމަށް ހަމަޖެއްސީ ތޯމަސް ޓުކެލްއެވެ. އަދި މިސީޒަންގެ ކުރީކޮޅު ޓުކެލް ބޭރުކޮށް ޓީމްގެ ކޯޗް ކަމާއި ހަވާލުކުރި ގްރަހަމް ޕޮޓަރ ވަނީ މިދިޔަ އާދިއްތަ ދުވަހު މަގާމުން ވަކިކޮށްފައެވެ. އަދި އެންމެފަހުން މިދިޔަ އަންގާރަ ދުވަހުގެރޭ ޗެލްސީއިން ލިވަޕޫލާއި ދެކޮޅަށް ކުޅެފައިވަނީ ބްރޫނޯ ސަލްޓޯގެ ކޯޗްކަމުގެ ދަށުންނެވެ.
ލެމްޕާޑް އެްމެފަހުން ކޯޗް ކޮށްދީފައިވަނީ ޕްރިމިއަރ ލީގުގެ ކްލަބް އެވަޓަންއަށެވެ. ނަމަވެސް މިސީޒަންގައި މާއެދެވޭ ނަތީޖާތަކެއް ނެރެވެމުން ނުދިއުމުގެ ސަބަބުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޭނާވަނީ މަގާމުން ވަކިކޮށްފައެވެ. ލެމްޕާޑްވަނީ އެންމެފަހުން ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗް ބަލާލަން ގޮސްއިންދާ ފެނިގެންގޮސްފައެވެ.
މިސީޒަންގައި ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ކުޅުންތެރިން ހޯދުމަށް 550 މިލިއަން ޕައުންޑަށް ވުރެ ގިނައިން ހޭދަކޮށްފައިވާ ޗެލްސީ މިވަގުތު އޮތީ ލީގު ތާވަލްގެ 11 ވަނައިގައެވެ. އަދި ތާވަލްގެ ހަތަރު ވަނައިގާ އުޅޭ މެންޗެސްޓަރ ޔުނައިޓެޑާއި ދެމެދު 14 ޕޮއިންޓްގެ ތަފާތު އެބަހުއްޓެވެ.