ޚަބަރު

އެގްރިކަލްޗަރ މިނިސްޓްރީން ރާއްޖެއަށް 5000 ރުއް ގެނެސްފި


މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ރާއްޖެއަށް ފަސް ހާސް ރުއް ގެނެސްފިއެވެ. މިހާ ގިނަ ޢަދަދެއްގެ ރުއް އެ މިނިސްޓްރީން ރާއްޖެއަށް ގެނެސްފައިމިވަނީ، ރާއްޖޭގައި ރުއްތަކަށް ޖެހޭ ބައްޔެއްގެ ސަބަބުން، ކާއްޓައި ކުރުނބާ ލިބުން ދަތިވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލިތައް ފެތުރުން ހުއްޓުވުމަށް ކުރެވޭނެ މަސައްކަތތަކާއި ގުޅޭގޮތުން، ފއެގްރިކަލްޗަރ މިނިސްޓްރީން ވަނީ ކަމާ ގުޅުންހުރި ދާއިރާތަކާއެކު ވަނީ ދެ ދުވަހުގެ މުއްދަތަށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ރުއްގަހަށް ޖެހޭ ބަލީގެ ސަބަބުން ކުރުނބާ އަދި ކާށި ލިބުން ދަތިވެފައިވާތީ، އެކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރުކުގެ އއު ޖީލެއް އުފެއްދުމަށް ފަސްހާސް ރުއް ރާއްޖެ ގެނެސްފައިވާކަމަށާއި، އެ ރުއްތައް އަތޮޅުތަކުގެ ރަށްތަކަށް ބެހުމަށް ނިންމާފައިވާކަމަށެވެ. އަދި އެރުއްތަށް ބަހާނީ އެ ރުއްތަކުގައިވެސް އެއްވެސް ބާވަތެއްގެ ބައްޔެއް ހުރިތޯ ކަށަވަރުކުރުމަށްފަހުކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ފަސް ހާސް ރުއް އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަރަންޓީން ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.


ރާއްޖޭގެ ބައެއް ރަށްތަކުގައި ރުއްގަހަށް ޖެހޭ ބައްޔެއްކަމަށްވާ ބޮންތި ނައްތާލާ ސޫޓީމޯޅްޑް ހުރިކަމަށް ވާނަމަ، އަލަށް ގެނައު ރުއްތަކަށް އެ ބަލި ނުޖެހޭނެހެން ޢަމަލުކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ރުއްގަހަށް ޖެހޭ ބަލިތައް ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވާގައެވެ. އެކަންކަމަށް ރަށުގެންވަރުގައި ހޭލުންތެރިކަން އިތުރުކޮށް ދަނޑުވެރިުންގެ އިތުރުން ވިޔަފާރީގެ ބޭނުމަަށް ގަސް ރާއްޖެއަށް އެތެރެކުރާ ފަރާތްތައްވެސް އެކަންކަމަށް ހޭލުންތެރިކުރުން މުހިންމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާލުވީ ރުއްގަހަށް ޖެހޭ ބަލިތައް ނައްތާލުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރުމަށް، ބޭނުންވާ މަޢުލޫމާތުތައް މި މަޝްވަރާ ބައްދަލުވުމުން ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. ރއްގަހަށް ޖެހޭ ބަލިތައް ނައްތާ ނުލެވިއްޖެނަމަ ދާއިމީ ގޮތެއްގައި ކާށި ރާއްޖެއަށް އެތެރެކުރަން ޖެހިދާނެކަމުގެ ކަންބޮޑުވުން މިނިސްޓަރ ފާޅުކުރެއްވިއެވެ.

"ގަސްތަކަށް ޖެހޭ ބަލިތައް ޤައުމީ ފެންވަރުގައި ފެތުރުން ނުހުއްޓުވޭނަމަ ، ކާއްޓަކީ ގަވައިދުން އެތެރެ ކުރަން ޖެހޭ އެއްޗަކަށް ވާނެ " އެގްރިކަލްޗަރ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވިއެވެ.


ކަމާ ގުޅުންހުރި ފަރާތްތަކާއެކު މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ގަސްގަހަށް ޖެހޭ ބަލިތައް އެއްރަށުން އަނެއް ރަށަށް ފެރުރެމުން ދާ މިންވަރު އިތުރުވުމާއިގުޅިގެން، އެކަންކަންހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމެވެ. އަދި ކައުންސިލުތަކުންނާއި ދަނޑުވެރިންގެ ޝަކުވާތައކަށް ހައްލު ގެނެސްދިނުމަކީވެސް މި މަޝްވަރާގެ ބޭނުމެއްކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވިއެވެ.